ސަރުކާރުން ޓެކުސް ބޮޑު ކުރިއަސް ތަކެތީގެ އަގު ބޮޑު ކޮށްގެން ނުވާނެ: ރޮޒައިނާ
ދެންމެ | 02 ޑިސެމްބަރ 2022

ޖީއެސްޓީއާއި އަޅުވައި ވިޔަފާރިވެރިން މިހާރު ތަކެތީގެ އަގުބޮޑުކުރާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެެވެ. ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖީއެސްޓީ ބޮޑުކުރަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި، ޖީއެސްޓީ ބޮޑުކުރިއަސް މިހާރު ތަކެތީގެ އަގު ބޮޑުވެގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް ތަކެތީގެ އަގު ބޮޑުކުރުމަށްފަހު ވިޔަފާރިވެރިން އެކަން ޖީއެސްޓީ އާއި އަޅުވަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކިރިޔާވެސް ފުރުސަތެއް ލިބުނަަސް ބަައެއް ވިޔަފާރިވެރިން ރައްޔިތުންގެ އަތުން ނަގަން ޖެހޭ އެއްޗަކަށް ވުރެ ބޮޑުއެއްޗެއް ނަގަމުންދާކަމަށެވެ. އެކަން މިހާރު ވެސް ބައެއް ވިޔަފާރިވެރިންގެ ފަރާތުން ފެންނަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

”މިހާރު ވެސް ތަކެތީގެ އަގުބޮޑުކޮށްފައި އެކަން އެބަ ޖީއެސްޓީއާއި އަޅުވާ. އަދި އެބޭފުޅުން ދައްކަންޖެހުނު އެއްޗެއް ވެސް ނޫންއެއީކީ، އަޅުގަނޑު ހަމަ އާންމު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން ވިޔަފާރިކުރަން ދާއިރު ފައިސާ ދެއްކީމަ އެ ލިބޭ ސްލިޕް ރަނގަޅަށް ބައްލަވައްޗޭ. މިއަންނަ އަހަރާއި ޖެހެންދެން ޖީއެސްޓީ 8 ޕަސެންޓްގައި އިދެގެން ނުވާނެ. އެެހެން އިންނަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއްް، ދެން އެ ވިޔަފާރިތަކުގައި ތިބޭ މީހުންނަކަށް ނުބުނެވޭނެ ޖީއެސްޓީ ބޮޑުވެގެންނޭ އެއްޗެހި އަގުބޮޑުމިކުރަނީ. މިވަގުތު ޖީއެސްޓީ ބޮޑުވެގެން އެއްޗެހި އަގު ބޮޑުކުރާކަން ނުޖެހޭ.“ ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ރާއްޖޭގައި ވިއްކާ ބައެއް ތަކެތީގެ އަގު ބޮޑުވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ތެލުގެ އަގު ބޮޑުވާތީ ކަމަށެވެ. ރާއްޖެ އަކީ ހުރިހާ އެއްޗެއް ބޭރުން އިމްޕޯޓްކުރާ ގައުމަކަށްވާއިރު އެތަކެތި ގެންނަ އަގު ބޮޑުވާނަމަ އެ ތަކެތި ރާއްޖޭގައި ވެސް ވިއްކާ އަގު އުފުލޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ގިނަ ވިޔަފާރިވެރިން ބުނަނީ މިހާރު ތަކެތީގެ އަގުތައް މައްޗަށްދަނީ ޖީއެސްޓީ ބޮޑުވެގެން ނޫންކަމަށެވެ. ތަކެތީގެ އަގުތައް އުފުލުމާއި މިހާރު އެންމެ ބޮޑަށް ގުޅިފައި ވަނީ ޑޮލަރުގެ ކަޅުބާޒާރާއި ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!