ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަކުރުމަށް އެމްއެމްއޭ އިން އަބަދުވެސް ބޭންކުތަކަށް ޑޮލަރު ދޫކުރެއެވެ. ވިޔަފާރިވެރިންނާއި، ރާއްޖެއިން ބޭރަށް ފުރާ މީހުން އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުން ޑޮލަރު ހޯދަނީ ބޭންކުތައް މެދުވެރިކޮށެވެ.
ވިޔަފާރިވެރިންނަށް ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން ވަކި މިންވަރަކަށް ޑޮލަރު ވިއްކި ނަމަވެސް، ބޭރުގައި އުޅޭ ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަދުކުރުމުން ބޭންކް އޮފް މޯލްޑިވްސް އިން މިިހާރު ވަނީ ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ތެރެއިން އޭލެވެލް އިން ދަށަށް ކިޔަވާ އެއްވެސް ދަރިވަރަކަށް ޑޮލަރު ދޫނުކުރަން ނިންމާފައެވެ.
ކޮވިޑު-19 ގެ ކުރިން ޑެބިޓު ކާޑު މެދުވެރިކޮށް ބޭނުންވަރަކަށް ޑޮލަރުގެ މުއާމަލާތް ރާއްޖެއިން ބޭރުގައި ކުރެވުނު ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު ވަނީ މަދުކޮށްފައެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި އުޅޭ ކިޔަވާ ކުދިންނަށް ވަކި ވަަރަކަށް ޑޮލަރު މިހާތަނަށް އައީ ދޫކުރަމުންނެވެ. އަދި ކޮލެޖު/ސްކޫލް ފީ އަށް ވާ އަދަދު އެއްކޮށް ޑޮލަރުން ދެއްކެއެވެ.
އޭލެވެލް އިން ދަށުގެ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ހުއްޓާލުމާއި ގުޅިގެން ގިނަބަޔަކު އަންނަނީ މިހާރު ކަންބޮޑުވުންފާޅުކުރަމުންނެވެ.
”ނުވެސް ބުނެ ކުއްލިއަކަށް މި ހުއްޓާލީ. ދަރިންގެ ފީ ދައްކަން ޓީޓީ ހަދަން ރިކުއެސްޓް ކުރީމަ މި އެނގުނީ ނުވާކަންވެސް“ ދިޔަރެސް އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
މިކަމާއި ގުޅޭގޮތުން މަރުކަޒީ ބޭންކުން މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެ ބަދަލު ގެނައިކަން ޔަގީންކޮށްދީފައެވެ.
ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 98 މިލިއަން ޑޮލަރެވެ. އެއާއި އެކު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދޫކޮށް އެ ފައިސާ ހޯދާފައެވެ. އަދި އިންޑިއާގެ މަރުކަޒީ ބޭންކާއި އެކު ކަރަންސީ ސްވެޕެއް ހަދާ 400 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ހޯދާފައެވެ.
ދައުލަތުގެ ހަޒާނާއިން ބޭރުފައިސާ ހުސްވެ، ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާއިރުވެސް ސަރުކާރުން ބުނަމުން ދަނީ ދިވެހިރާއްޖޭގެ އިޤްތިސާދު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށެވެ.