މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ކާމިޔާބު ނުކުރެވޭނެކަން އެނގިތިބެ، ވައުދުތައް ނުފުއްދޭނެ ކެންޑިޑޭޓަކު ނެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް މުރައިދޫއަށް ވަޑައިގެން، އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ، 2023 ގެ އިންތިހާބު ޕާޓީއަށް ގެއްލުނު ސަބަބާ ގުޅޭގޮތުން މެމްބަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީހަށް ބަލާއިރު، ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު މިހާރު ފެންނަމުން ދަނީ ކުރު މުއްދަތުގެ ވެރިކަންތަކެވެ. މީގެ މައިގަނޑު ސަބަބަކީ، ރައްޔިތުންނަށް ފެންނަ ހުދުމުހުތާރު ވެރިކަމަކަށް ދެވަނަ ދައުރެއް ލިބިދާނެތީ އޮންނަ ބިރުވެރިކަމާއި، ސަރުކާރާމެދު އުފެދޭ ހިތްހަމަނުޖެހުންތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން، އެމަނިކުފާނުގެ އެނަލިސިސްއިން ދައްކާ ގޮތުގައި، 2023 ގެ އިންތިހާބުގައި ރައީސް ސޯލިހު ނޫން އެހެން ކެންޑިޑޭޓަކު ނެރުނު ނަމަ އެމްޑީޕީއަށް ކާމިޔާބީ ލިބުނީސް ކަމަށް ވިދާޅުވި އެވެ. އަދި 2028 އަށް އެމްޑީޕީ އާ ކެނޑިޑޭޓެއް ނެރެން ޖެހޭކަނަށް ވިދާޅުވި އެވެ.
މިކަމުގެ ހެއްކެއްގެ ގޮތުން އެމަނިކުފާނު ވަނީ 2013 ވަނަ އަހަރު ވެރިކަމުގައި ނެތި ވެސް ޕާޓީއަށް 48 އިންސައްތަ ލިބުނުއިރު، ވެރިކަމުގައި އޮވެ 39 އިންސައްތަ ލިބުނު ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ހުރިހާ ފަރާތްތަކުން ވެސް އުފުލަން ޖެހޭނެ ކަމަށާއި، އެމަނިކުފާނު ޕާޓީން ވަކިވުމުން ވެސް އޭގެ އަސަރު ކުރިކަން ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޕާޓީއަށް އެނބުރި ވަޑައިގަތީ އަލުން ކާމިޔާބީ ހޯދައިދިނުމުގެ އަޒުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ކުރިއަށް އޮތް އިންތިހާބުތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޕީއެންސީއަކީ ސިޔާސީ ގޮތުން ކުރިއަރާފައިވާ ޕާޓީއެއް ނަމަ ރައީސް މުއިއްޒަކީ ކެންޑިޑޭޓެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އެމަނިކުފާނުގެ ނަޒަރުގައި ރައީސް މުއިއްޒަކީ އިންތިހާބަކުން ބަލިކުރަން ފަސޭހަ ކެންޑިޑޭޓެކެވެ.



