އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހުތުރުކޮށް ބަވާލާފައިވާ ކަމަށް އެމެރިކާގެ އެކްސިއޯސް ނޫހުން ބުނެފި އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރަނިކޮށް އެކަމަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން ލުބްނާނަށް ވަރުގަދައަށް ހަމަލާދޭން ފެށުމުން ޓްރަމްޕު ވަނީ ނަތަންޔާހޫ އަކީ ”ބޮޑު މޮޔައެއް“ ކަމަށާއި އިޒްރޭލު ދެކެ އެންމެން ރުޅި އަންނަ ކަމަށް ވިދާޅުވެފަ އެވެ.
”ތިޔަ އުޅެނީ މޮޔަވެގެން. އަހަރެންގެ އެހީތެރިކަން ނެތް ނަމަ ކަލޭ އޮންނާނީ ޖަލުގައި. އަހަރެން މި ސަލާމަތްކުރަނީ ކަލޭގެ ފުރާނަ. މިހާރު އެންމެން ވެސް ކަލޭ ދެކެ ފޫހިވޭ. އަދި މިކަމާ ހުރެ އެންމެން ވެސް އިޒްރޭލު ދެކެ ފޫހިވޭ.“ އެކްސިއޯސް އިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.
އެ ފޯން ކޯލުގެ މައުލޫމާތު ލިބިފައިވާ ދެވަނަ އޮފިޝަލަކު އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ހުންނެވީ ”އިންތިހާއަށް ކޯފާވެފަ“ އެވެ. އަދި ކޯލުގެ ވަކި ހިސާބަކުން ނަތަންޔާހޫއާ ދިމާލަށް ހުތުރު ބަސްތައް ބޭނުންކޮށް ހަޅޭއްލެވި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އެ ފޯން ކޯލާ ބެހޭގޮތުން މައުލޫމާތު ދިން އެހެން އޮފިޝަލަކު ބުނެފައިވާ ގޮތުގައި، ލުބުނާނުގައި ދެމުންދާ ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި ކުރި މި ކޯލުގައި، ނަތަންޔާހޫއަކީ ”ޝުކުރުވެރިނުވާ“ މީހެއްގެ ގޮތުގައި ވެސް ޓްރަމްޕް ސިފަކުރެއްވި އެވެ.
އެކްސިއޯސް އިން މި ފޯން ކޯލު ސިފަކޮށްފައިވަނީ ”ހުތުރު ބަސްތަކުން ފުރިފައިވާ“ ކޯލެއްގެ ގޮތުގަ އެވެ.
އެމެރިކާގެ އޮފިޝަލުން އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި، ހިޒްބުالله އިން އިޒްރޭލަށް ތަކުރާރުކޮށް ހަމަލާދެމުންދާކަމާއި، އެއަށް ރައްދުދިނުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށް ޓްރަމްޕް ގަބޫލުކުރައްވަ އެވެ. ނަމަވެސް، ފަހަކަށް އައިސް އިޒްރޭލުގެ އަސްކަރިއްޔާއިން ރައްދުދީފައިވަނީ އިންސާފުން ބޭރުން މާ ވަރުގަދައަށް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި އިޒްރޭލުގެ މި އަމަލުގެ ސަބަބުން، އީރާނާ އެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އެމެރިކައިން ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ. ސަބަބަކީ، އީރާނުން އެއްބަސްވުމަކަށް އައުމަށް ޝަރުތުކުރަނީ ލުބުނާނުގައި ވެސް ހަމަލާބަދަލުކުރުން ހުއްޓާލުމުން ކަމަށްވާތީ އެވެ.
އެމެރިކާގެ އޮފިޝަލަކު އެކްސިއޯސްއަށް ކިޔައިދިން ގޮތުގައި، އެ ފޯން ކޯލުގައި ޓްރަމްޕް ވަނީ ނަތަންޔާހޫގެ ވާހަކަތަކަށް ހުރަސްއަޅައި މުޅި ވާހަކައިގެ ކޮންޓްރޯލް ހޯދައިފަ އެވެ. އަދި އެ ހިސާބުން ނަތަންޔާހޫ ވަނީ ”އެންމެ ރަނގަޅު، އެންމެ ރަނގަޅު، ހުރިހާ ކަމެއް ހަމަޖެހިފައިވާކަން ބަލާ“ ށޭ ބުނެފަ އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އޭނާގެ ސަބަބުން ނަތަންޔާހޫ ޖަލަށް ނުގޮސް ސަލާމަތްވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިއީ ކޮރަޕްޝަނުގެ ބޮޑެތި ދައުވާތަކެއްގެ އޮތް ނަތަންޔާހޫއަށް މާފު ދިނުމަށް، އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގްގެ ކިބައިން ޓްރަމްޕް ތަކުރާރުކޮށް ފާޅުގައި އެދެމުންދާ އެދުމަށް އިޝާރާތް ކުރައްވައި ވިދާޅުވި ވާހަކައެއް ކަމަށް ބެލެވެ އެވެ.
މި ކޯލާ ބެހޭ ގޮތުން ނަތަންޔާހޫގެ އޮފީހުން ވާހަކައެއް ނުދައްކަ އެވެ.
ނަތަންޔާހޫއަށް ފޯނުކުރެއްވި ކަމަށް ޓްރަމްޕު ވިދާޅުވުމަށް ފަހު އޭނާ ވަނީ އިޒްރޭލާއި ހިޒްބުﷲ އިން ވެސް ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ދެ ފަރާތުން ހަމަލާ ބަދަލުކޮށްފައިވެ އެވެ. އެކަމަކު ބައިރޫތުގެ ދެކުނު ސަރަހައްދަށް އަރައިގަންނާނެ ކަމަށް ދިން އިންޒާރަށް ފަހު ވެސް އެކަން އަދި ކޮށްފައެއް ނުވެ އެވެ.



