ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ވިސްނަނީ ރިޔާސީ އިންތިހާބަށް: ނަސީދު
ދެންމެ | 23 ޖެނުއަރީ 2023

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިހާރުވެސް ކާމިޔާބު ކުރެވިއްޖެ ކަމަށާއި، މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވައެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރައްވާނެ ގޮތަކާމެދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ވޯޓުލާ މެމްބަރުންނާއި، އެމަނިކުފާނުގެ ކެމްޕެއިނާ އަލަށް ގުޅޭ މީހުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޓީމު އޮތީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ”ގިއަރަށް ލާފައި“ ކަމަށާއި، އެމްޑީޕީ ނޫން އިތުރު ޕާޓީއެއް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުވެސް ހިފާފައި ނުވާ ކަމަށެވެ.

މިއަހަރު ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭ ގޮތަށް މަސައްކަތްތައް ރޭވުމަށް އެމަނިކުފާނު ވަނީ ކެމްޕެއިން ޓީމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވައެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް. އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނިއްޔާ ކުރިއަށް މިއޮތް ހަފުތާތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްކޮށްގެން ނުވާނެ. އަޅުގަނޑުމެންގެ ޕާޓީ މިއޮތީ ވަރަށް ބޮޑަށް އިންތިޚާބުގެ މޯޑަށް އިންތިޚާބުގެ ގިއަރަށް އައިސްފައި. ދެން މިހުއްޓުވޭނެ ގޮތެއް އަޅުގަނޑަކަށެއް ނުފެނޭ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ވަރަށް ފަސޭހަ ވާނެ ކަމަށާއި، މިފަހުން އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން އެކަން ވަރަށް ރަނގަޅަށް ހާމަވި ކަމަށެވެ.

ރޭގެ ޖަލްސާގައިވެސް ނަޝީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވަނީ އެމްޑީޕީއަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އަދި، އެމަނިކުފާނު ގަބޫލުކުރައްވާ އެމްޑީޕީގެ ސިޔާސަތުތައް ޕީޕީއެމް، ޕީއެންސީއަށް މިހާރު ކަމުދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލައި މަކަރު ހެދުމަށް އެެއްވެސް ފުރުސަތެއް ނުދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!