ޔާމީން ނަމުގައި ޕީޕީއެމް ތެރޭ ބަގާވާތްކޮށް، ރައީސް ކަމަށް ފޯމް ލާން ވަހީދު ނުނިދާ އުޅުނު: އަދުރޭ
ދެންމެ | 22 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު ލިބިވަޑައިގަތް ކަމަށް ވިދާޅުވެ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނަމުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމް ހުށަހެޅުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަސައްކަތް ކުރެއްވި ކަމަށް ޕީއެންސީގެ ރައީސް ޓިނު އަދުރޭ ތުހުމަތު ކުރައްވައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން ކަށަވަރު ވުމުން ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ އެއް ދުވަސް ތެރޭގައި ޕްރައިމަރީއަކަށް ގޮވާލައި ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައެވެ. އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ވަހީދު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން ވާދަވެރި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާފައެވެ. އަދި ވަހީދު އަންނަވަނީ ޕީޕީއެމްްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މުއިއްޒުއަށް ތާއީދު ހޯއްދެވުމަށް މިއަދު އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ބައްދަލުވުމެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވަނީ ޑރ. ވަހީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވާފައެވެ.

ޕީޕީއެމްގެ ނަމުގައި އިތުރު ކެންޑިޑޭޓަކު ނެރުމަށް ވަގުތާއި ފުރުސަތު ލިބުނު ކަމަށް ވަހީދު ވިދާޅުވެފައިވާތީ އަބްދުއްރަހީމް ވަނީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޕްލޭން ސީއަށް ދިޔައީ ޕްލޭން އޭ އަދި ޕްލޭން ބީ ވެސް ފެއިލްވުމުން ކަމަށެވެ.

”އެ ރޭ އިރު އޮއްސުނީއްސުރެ އަނެއް ދުވަހު އިރުއޮއްސެންދެން ނުނިދާ ވިއްޔާ އުޅުނީ. ފޯމްލާ ހިތުން. ފޯމުލާ ހިތުން ފޯމް ފުރައިގެން ހުރީ. ރައީސް ޔާމީންގެ ބަސްފުޅެއް ލިބޭތޯ. އެ ވަރުން ނުވެގެން ގުޅާފަ ބައެއް ބޭފުޅުންނަށް ދެންނެވި ރައީސް ޔާމީން ވިދާޅުވިއޭ ކުރިމަތިލައްވާށޭ,“ ވަހީދަށް ތުހުމަތުތަކެއް ކުރައްވައި އަމާ އަދުރޭ ބުންޏެވެ.

ވަހީދަށް ފާޑުކިޔުއްވަމުން އަބްދުއްރަހީމް ވިދާޅުވީ, އެ މަނިކުފާނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މުއިއްޒު ޓިކެޓް ހޯއްދެވީ އޭނާގެ ކުޅަދާނަ ކަމުން ކަމަށެވެ. އަދި ރިޔާސީ ޓިކެޓަށް ވަހީދު އުންމީދު ކުރެއްވުމުން އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

”ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމަށް [ވަހީދު] ކޮށްދިނީ ކޮންކަމެއް ތޯ? ކޮން ހިދުމަތެއް ތޯ ކޮށްދިނީ? ކޮންތާކުތޯ އުޅުއްވީ? ދެން ހަމަ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެހެން ހީވީމަ ފިޔަދަމާލާފަ އޮތް ބާޒެއްހެން އައިސް ޕީޕީއެމް ޕީއެންސީ ތެރެއަށް ޖެހިގަނެފަ ޓިކެޓް ދޭށޭ ބުނީމަ އަޅުގަނޑުމެން ދޭނެތޯ,“ އަބްދުއްރަހީމް ބުންޏެވެ.

ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގަތީ އެ ޕާޓީ ޖަހައިގަތުމަށް ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ވަހީދަށް ވުރެ ކުޅަދާނަ ލީޑަރުންތަކެއް ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ތިބުމުން ވަހީދުގެ ޕްލޭން ފެއިލްވި ކަމަށް އަބްދުއްރަހީމް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!