އައްޑޫ ތަރައްގީ 85 ގެސްޓުހައުސާއި އެކު ’އަންނަނީ‘ ކަނޑާލާނަން: ނަސީދު
ދެންމެ | 23 ޖެނުއަރީ 2023

ރާއްޖެ އަށް ތަރައްގީ ހޯދެވެން އޮތް އިންޖީނަކީ އައްޑޫ ސިޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު އައްޑޫ އަށް ވަޑައިގެންނެވުމަށްފަހު ހިތަދޫ އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުން ކަމަށާއި އެކަން އައްޑޫގައި ކުރެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ޓޫރިޒަމާއި މަސްވެރިކަން އަދި ދަނޑުވެރިކަމާއި އެހެނިހެން އިގްތިސާދީ ހަރަކާތްތައް ކަމަށެވެ.

އެކަން ކުރުމަށް އެންމެ މުހިއްމީ ގަން އެއާޕޯޓު ތަރައްގީ ކުރުން ކަމަށާއި ނަމަވެސް އެމްޑީޕީ އަށް 5 އަހަރު ގެއްލިގެން ދިޔައީ އެކަން ނުކުރެވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ހަގީގީ ބަދަލު ރަށްތަކަށް ނުގެނެވެނީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށް ކޯލިޝަންގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅުމުން ކަމަށާއި އެއާޕޯޓު ތަރައްގީ ކުރެވި އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ހަރަކާތްތައް ވެސް ހިންގަން ފެށީ އައްޑޫ ދަރިން ކަމަށާއި ނަމަވެސް 40 އަހަރުފަހުން ވެސް އައްޑޫގައި ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ނުގެންދެވުމަކީ ރާއްޖޭގެ އެންމެ ބޮޑު ”ފެއިލިއާ“ އެވެ.

”ސާފުކޮށް އެނގެން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްގީ ހޯދެވެން އޮތް އިންޖީނަކީ އައްޑޫކަން. އައްޑޫގައި އުފައްދާފައިވާ އުމްރާނީ ވަސީލަތްތައް އޮންނަތާ އެތައް ޒަމާނެއް ވެއްޖެ. އެހެން ނަމަވެސް އެ ވަސީލަތްތަކުގެ ބޭނުން މިއޮތީ ނުހިފި.“ ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން މުޅި އައްޑޫގެ އިގްތިސާދަށް ދިރުން ގެނެވުމަށް ބޭނުން ވަނީ 15 މިލިއަން ޑޮލަރު ކަމަށާއި އެގޮތުން އައްޑޫގައި 85 ގެސްޓްހައުސް ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންފިނަމަ ކޮންމެ ގެސްޓްހައުސަކަށް ލުއި ލޯނު ދޭނެ ކަމަށާއި އެތަންތަން ހަދާ ނިމެންދެން ގަވާއިދުން ބައްލަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!