ހިތުގައި ޖެހިގެން މިއުޅެނީ އެމްޑީޕީ ނަމުގައި ޑީއާރުޕީ ފިކުރުން ވެރިކަން ކުރާތީ: ނަސީދު
ދެންމެ | 23 ޖެނުއަރީ 2023

ނުރުހުންވެ ކަންބޮޑުވެވަޑައިގަންނަވަނީ އާމްދަނީ އިތުރުވެގެންދާނެ ގޮތަށް ބައްޓަންކޮށްފައިވާ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ބަދަލުގައި އިއްތިހާދުގެ ސިޔާސަތުތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަންފީޒު ކުރައްވަމުން ގެންދަވާތީކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަަދަވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންވެސް ބަހުގެ ހަމަލާތައް ރައްދު ކުރަމުންދާއިރު، ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެހާ ރަށްތަކަށް ޒިޔާރަތް ނުކުރެއްވޭނެކަން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވަޑައިގަންނަވަނީ ރަށްތަކަށް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވަޑައިގަންނަވަނީ ރަށްތަކުގައި ހުރި ގެތަކަށް ކަމަށެވެ. އަދި އެމަނިކުފާނު އާއިލާތަކާއި ބައްދަލު ކުރައްވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވަޑައިގަންނަވާ ގެތަކުގައި ދިރިއުޅެމުންދާ އާއިލާތަކުން ބޭނުންވަނީ އާމްދަނީ އިތުރު ކުރާ ގޮތްތަކެއް ކަމަށެވެ. އަދި ގެއިން ނުކުންނަ އިރު ތަރައްގީގެ މަޝްރޫޢުތައް ރަށު ތެރެއިން ފެނުނު ނަމަވެސް ރައްޔިތުން އުޅެމުންދަނީ ލިބޭ މިންވަރުން ހަރަދު ކުރުމުން ދެކޮޅު ނުޖެއްސޭ ހާލަތެއްގައިކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ސަރުކާރާއިމެދު ނުރުހުންވެ ވަޑައިގަންނަވަނީ އާމްދަނީ އިތުރު ކުރުމަށް ބައްޓަންކޮށްފައިވާ އެމްޑީޕީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ބަދަލުގައި އިއްތިހާދުގެ ސިޔާސަތުތައް ތަންފީޒު ކުރާތީކަމަށެވެ. އަދި އެމްޑީޕީގައި ރަނގަޅު ސިޔާސަތުތަކެއް ހުރިކަމަށްވީނަމަވެސް، ސަރުކާރުން އެ ސިޔާސަތުތަކުގެ ބޭނުން ހިފުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ދިމާވެފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރާތީކަމަށެވެ. އަދި ދައުރު ފެށިގެންދިޔަ އިރު އެމްޑީޕީގެ ސިޔާސަތުގެ ދަށުން ބައެއް މަސައްކަތްތައް ކުރެއްވިކަމަށް ފާހަގަކުރެއްވޭ ނަމަވެސް އެ ސިޔާސަތުތަކުގެ ދަށުން ފަރުމާކުރި ސްޓެރީޖިކް އެކްޝަން ޕްލޭނާއި އެއް ގޮތަށް އަމަލު ނުކުރާކަމަށް ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމުގެ މުހިންމުކަމަށް އަލި އަޅުއްވައި ވާހަކަދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ކޮންމެ ރަށެއްގައިވެސް އެ މައްސަލަ ދަނީ ބޮޑުވަމުންކަމަށެވެ. އަދި ބައެއް ރަށްތަކުގައި އެކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ކުނި ވަކިކޮށް އެ ތައްޔާރުކޮށް ބޭރު ކުރެވޭނެ އުސޫލެއް ނުވަތަ ނިޒާމެއް ގާއިމު ކުރެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިވެމުންދަނީ އެ މަސައްކަތްތައްވެސް “އަންނަނީ” ގައި އޮތް އަޑު ކަމަށެވެ. އަދި ބޮޑުގޮހޮޑާ ވާހަކަ ފަދަ ވާހަކަތައްވެސް އިވިގެންދާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެކި ފަންޑުތަކުގައި ފައިސާ ހުރިކަމަށް ކައުންސިލަރުންވެސް ވިދާޅުވާކަމަށެވެ. އެހެން ނަމަވެސް އެ ވާހަކައިން މަސައްކަތްތައް ކުރެވެން ނެތްކަން ހާމެވެގެންދާކަމަށް ވިދާލުވިއެވެ

ގުޅުންހުރި ލިޔުންތައް