ރައީސް ސޯލިހަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ ރިޔާސީ ރޭހުން ވަކިވުން ބުނުން: ތާރިގް
ދެންމެ | 27 ޖެނުއަރީ 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހެޔޮއެދޭ، ތިމާގެބޭފުޅުންނަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮކަމަކީ ވީ އެންމެ އަވަހަށް ރިޔާސީ ރޭހުން ދުރުވުމަށް އެމަނިކުފާނަށް ނަސޭޙަތް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުއްވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިން ނިންމުމުގެ ގޮތުން އައްޑޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވަނީ ރާއްޖޭގެ 357 ރަށެއްގައި ފްލެޓު އަޅާ ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅެނީ 200 އަށް ވުރެ މަދު ރަށެއްގައިކަމަށްވުމުން، ސިޔާސީ ބޭފުޅުންގެ އިތުރުން އާންމުވެސް އަންނަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ޠާރިގު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ރައީސް ޞާލިހަށް ހެޔޮއެދޭ، ތިމާގެބޭފުޅުންނަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮކަމަކީ ވީއެންމެ އަވަހަށް ރިޔާސީ ރޭހުން ދުރުވުމަށް އެމަނިކުފާނަށް ނަސޭޙަތް ދިނުން ކަމަށް ވިދާޅުވެފައެވެ.

ތާރިގް ވިދާޅުވީ މިއަދު ރައީސް ނަސީދުގެ ފަހަތުން ނިކުންނެވި ރައްޔިތުންގެ އަދަދު ފެނި ރައީސް ސޯލިހްގެ ޓީމް ކޮސްވެފައިވާ ކަމަށެވެ.

އަދި އެފަދައިން ނަސޭހަތްދިނުމުން އެ ނަސޭހަތުގެ ބަސް ނާހައި، ގޮތް ދޫނުކުރައްވަންވެސް ރައީސް ޞާލިހް އުޅުއްވާނެ ކަމަށާ އެހެން ނަމަވެސް، ކުޑަކުދިންވެސް ބޭނުން ކޮންމެކަމެއް ކުރަން މައިންބަފައިން ފުރުސަތު ނުދެނީ، އެކުދިންނަށް ރަގަޅަކަށް ކަމަށް ޠާރިގު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭނު ނިންމަވާލެއްވުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވަނީ ފާއިތުވި 40 އަހަރު ނުހިންގާ ގިނަ މަޝްރޫއުތައް ވެރިކަމުގެ 4 އަހަރުގެ ތެރޭގައި ކުރަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

”މާލެ ސަރަހައްދުގައި 7000އަށްވުރެ ގިނަ ފްލެޓު އަދި 5000އަށް ވުރެ ގިނަ ގޯތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް. މިހާތަނަށް 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ.. ހަވާލުކުރެވިއްޖެ.. އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް މޭޔަރު މިހާރު ވަނީ އިއުލާނު ކުރެވިފަ“ ރައީސް ޞާލިހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!