އިބޫގެ ޓީމުތަކުން ހަރާމް ރިސްވަތު ފައިސާ ބަހަން ފަށައިފި
ދެންމެ | 28 ޖެނުއަރީ 2023

މާދަމާ އޮންނަ އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޓީމުން ބޮޑެތި ރަށްރަށުގައި ގިނަ އަދަދެއްގެ ފައިސާ ބަހަން  ފަށައިފި އެވެ.

މައުލޫމާތު ދިން އެމްޑީޕީގައި ޒަމާންވި މެންބަރަކު ބުނީ އެ ސިޓީގައި މާދަމާ ރައީސް އިބްރާހީމަށް ވޯޓު ދޭ މަތިން ކޮންމެ މީހަކަށް 5،000 ރުފިޔާގެ ރޭޓުން ފައިސާ ބަހަން ފަށާފައިވާ ކަމަށެވެ.

”މިރޭ ގުޅާފައި އެބަ ބުނޭ ދިމާކޮށްބަލާށޭ. ވޯޓު ދެންޏާ 5،000 ރުފިޔާ ލިބޭނެއޭ. ވަރަށް ގިނަ މީހުން ފައިސާ ނަގަންވެސް ނަގައިފި،“ ކުޅުދުއްފުށިން މައުލޫމާތު ދިން މީހާ ބުންޏެވެ.

މީގެ އިތުރުން ފުވައްމުލަކުގައިވެސް ވޯޓަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ރައީސް އިބްރާހީމުގެ ކެމްޕެއިނުން ބަހަމުންދާކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. ފައިސާ ބެހުމުގައި އިސްކޮށް އުޅެނީ އެ ރަށުގައި ތިބި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނެވެ.

”މިކޮޅުގައި އެކި ކުންފުނިތަކުގެ ވެރިން ނަޝީދަށް ތާއީދުކުރާ މީހުންނާއި، ތާއީދުކުރާ އާއިލާތަކުގެ މީހުންނަށް ގުޅައިގެން ގެންގޮސް ފައިސާ އެބަދޭ. 5،000 އާއި 10،000 ދެމެދުގެ އެކި އަދަދުތައް ދީފައި ހުރީ،“ އޭނާ ބުންޏެވެ.

ރައީސް އިބްރާހީމާ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައީސް އިބްރާހީމުގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ރައީސް މުޙައްމަދު ނަޝީދުވަނީ ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުން ފައިސާ ބަހާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހީމަކީ އަބަދުވެސް ފައިސާ ބައްސަވައިގެން އިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅެއްކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިންނަވަރު ބައެއް މީހުން މީޑިއާއަށް ދިން އިންޓަވިއުތަކުގައިވެސް ބުނެފައިވަނީ ރައީސް އިބްރާހީމަކީ މަޖިލިސް އިންތިޚާބާ ޖެހުމުން ރަށަށް ވަޑައިގެން ފައިސާ ބައްސަވައިގެން ވޯޓު ކާމިޔާބުކުރައްވާ ބޭފުޅެއްކަމަށެވެ.

ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުން ފައިސާ ބަހަން ފަށާފައިވާއިރު ބައެއް ރަށްރަށުގައި ސަރުކާރު ކުންފުނިތަކުން މީހުންނަށް ވަޒީފާ ދެމުން އެބަދެއެވެ. އަދި ވަޒީފާ ދީފިކަމުގެ ޗިޓުވެސް އެމީހުންނާ އަންނަނީ ހަވާލުކުރަމުންނެވެ.

އެގޮތުން ލ.އިސްދޫ ކަލައިދޫން މިރޭ އިރުއޮއްސި 6:00 ގެ ފަހުން 22 މީހަކަށް ފެނަކައިން ވަޒީފާ ދީފައިވާކަމަށް އެ ރަށުގެ އެމްޑީޕީގެ ބައެއް މެންބަރުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!