ޖަންގިޔާ ތެރެއަށް އަޅައިގެން ރާއްޖެއަށް ރަން އެތެރެކުރި އިންޑިޔާ މީހެއް ޖޫރިމަނާ ކޮށްފި
ދެންމެ | 24 އޯގަސްޓް 2023

ޖަންގިޔާ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެތެރެކުރި އިންޑިޔާ މީހަކު ޖޫރިމަނާކޮށްފިއެވެ.

އަލްތޯފް އަސްލަމް ސެލިޔާ ނަމަކަށް ކިޔާ މިމީހާ މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރާއްޖެއައިރު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖަންގިޔަލުގެ މަތިން އެހެން ޖަންގިޔަލެއްލާ އޭގެ ތެރޭގައި 2 ކިލޯ ރަން ފޮރުވާފައި ހުއްޓެވެ. މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް އުފުލާފައިވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ދައުވާއެވެ.

އެ ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވެއެވެ. އެހެން ކަމުން އަވަސް ނިޔާ އިއްވުމުގެ އުސޫލުގެ ދަށުން އޭނާއަށް އަވަސް ނިޔާއިއްވައި، ކުށަށް އިއުތިރާފު ވެފައިވާތީ ކުޑަ އަދަބެއް ދިނުމަށް ފަނޑިޔާރު ނިންމެވިއެވެ.

މިގޮތުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 80،000 ރުފިޔާ 23 އޯގަސްޓުން ފެށިގެން 5 ދުވަސް ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށާއި އޭނާ އެތެރެކުރި ރަން ކަސްޓަމަށް ނެގުމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި އިންޑިޔާ ރައްޔިތުން ކުރާ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން މަސްތުވާތަކެތި ވިއްކުމާއި، އެތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ބަނގުރާ އުފައްދައިގެން ވިއްކުން ފަދަ ކަންކަން އިންޑިއާ ރައްޔިތުން ވަރަށް ގިނައިން ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!