ވަގު ވޯޓު އަޅާފައި ހުރުމުން ރައީސް ނަސީދު އިންތިހާބު ގަބޫލު ނުކުރަން ނިންމައިފި
ދެންމެ | 29 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ ކާމިޔާބުކުރެއްވީ ފޮށިތަކަށް ”ވަގު ވޯޓު“ އަޅައިގެން ކަމުގެ ތުހުމަތާ އެކު ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބުނެފި އެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވީ 61 ޕަސެންޓުންގެ ބޮޑު ތަފާތަކުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

ނަޝީދުގެ އިންތިހާބީ އެޖެންޓް ހަސަން ލަތީފު ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަަދަށް ވުރެ އިތުރަށް ބައެއް ފޮށިތަކަށް ވޯޓުލާފައިވާ ކަން ފެންނަން އެބަހުއްޓެވެ. އެ ތުހުމަތު އޭނާ ކުރެއްވީ މާލޭގައި ބެހެއްޓި ފޮއްޓެއްގެ ނަތީޖާ ދައްކަވަމުންނެވެ.

އެ ނަތީޖާ ޝީޓުގައިވާ ގޮތުން އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބެނީ 113 މީހުންނަށެވެ. އެކަމަކު ޖުމުލަ 158 މީހުން ވޯޓުލާފައިވާ ކަމަށް ޝީޓުގައި ވެ އެވެ.

ނަޝީދުގެ ކެމްޕޭނުގެ ރަސްމީ ބަޔާނުގައި ވެސް ވަނީ އިންތިހާބުގައި އޮޅުވާލުން ހިމެނޭ ކަމުގެ ތުހުމަތު އަޅުވައިފަ އެވެ.

”ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މި ދަނީ ނަތީޖާ ޝީޓުތައް ރަނގަޅަށް ބަލައި ދިރާސާކުރަމުންނެވެ. ގިނަ ވޯޓު ފޮށިތަކުން ރައީސް މުހައްމަދު ނަޝީދު އޮތީ ކުރީގައި ނަމަވެސް ވާދަވެރިޔާ ކުރި ހޯދާފައި ވަނީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ ވަކި މަދު ފޮށިތަކެއްގެ ސަބަބުން ކަން ފާހަގަވަމުންދެ އެވެ،“ ބަޔާނުގައިވެ އެވެ.

ވޯޓުލުން އިއްޔެ ކުރިއަށް ގެންދިޔައިރު ވެސް ނަޝީދުގެ މަންދޫބުން ވަނީ ޝަކުވާތަކެއް ފެންމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓުލުމާއި އެމްޑީޕީގެ ދަފްތަރުން އުނިކުރި 39،000 މީހުންގެ ތެރޭގައި ހިމެނޭ މީހުންނަށް ވޯޓުނުލެވުމުގެ ކަންބޮޑުވުން ހިމެނެ އެވެ.

އެމްޑީޕީގެ ވެބްސައިޓުގައި ޕްރައިމަރީގެ ވަގުތީ ނަތީޖާ ރޭ އާއްމުކޮށްފައިވާ އިރު ގިނަ ރަށްތަކުން މި ޕްރައިމަރީގައި ކުރި ހޯއްދަވާފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!