ޕަވަންދީޕް އާއި އަރުނީތާ, އުއްޗު އާ ބައްދަލުކޮށްފި
ދެންމެ | 02 މާރޗް 2023

އިންޑިއަން އައިޑަލްއިން ވިދާލި ތަރިންކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނީތާ ކަންޖީލާލް, މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާ ބައްދަލުކޮށްފިއެވެ.

އިންޑިއަން އައިޑޮލް ސީޒަން 12ގެ އެންމެ މޮޅު ލަވަކިޔުންތެރިންގެ ގޮތުގައި ހިމެނުނު އެ ދެ ތަރިން އުއްޗުއާ ބައްދަލުކުރީ މިއަދު ރާއްޖެ އައުމަށް ފަހު، ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.

ޕަވަންދީޕާއި އަރުނީތާ ކުރެއްދޫއަށް ދިޔުމުން އެ ދެ މީހުންނަށް މަރުހަބާ ވިދާޅުވީ އުއްޗުގެ ދެކަނބަލުންނެވެ.

އަރުނީތާ އާއި ޕަވަންދީޕްގެ ޝަރަފުގައި އުއްޗު ބާއްވަވާ ގާލާ ނައިޓެއް މާދާމާ ރޭ ކުރެއްދޫގައި އޮންނާނެއެވެ. އެ ހަފުލާގައި އެ ދެ ލަވަކިޔުންތެރީންނާއި މޯލްޑިވިއަން އައިޑަލްގެ ބައެއް ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ވެސް ހިމެނޭނެއެވެ.

ރާއްޖެއަށް ޒިޔާރާތްކުރާ މަޝްހޫރު ބޭރުގެ ފަންނާނުން އުއްޗުއާ ގާތް ގުޅުމެއް ބާއްވައެވެ. މިފަހުން ލަވަކިޔުންތެރިޔާ ޔޮހާނީ އާއި މުޙައްމަދު ފާއިޒު ވެސް ރާއްޖެ އައިސް ކުރެއްދޫ ރިސޯޓްގައި އުއްޗުއާ ބައްދަލުކުރިއެވެ. އަދި އެރަށުގައި މިޔުޒިކީ ހަފުލާތައް ބޭއްވިއެވެ.

ޕަވަންދީޕާއި އަރުނީތާ މިރެއާއި މާދަމާ ތިބެން ހަމަޖެހިފައި ވަނީ، ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ގާއިމުކޮށްފައިވާ ހުރަވަޅި އައިލެންޑް ރިސޯޓުގައެވެ.

އެ ދެ ތަރިން ރާއްޖެ އައީ އެންޔެލްޕްއިން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެރޭ ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވާ މިޔުޒިކަލް އައިޑޮލް ޝޯގައި ބައިވެރިވުމަށެވެ.

އެ ޝޯގައި އެ ދެލަވަކިޔުންތެރީންގެ އިތުރުން ދިވެހި ފަންނާނުން ކަމަށްވާ ޝަލަބީ އިބްރާހީމާއި، ރާފިޔަތު ރަމީޒާ ވެސް ލަވަ ހުށަހަޅާނެއެވެ.

މި ޝޯއަަށް ވަދެވޭނީ ޓިކެޓު ނަގައިގެންނެވެ. އެގޮތުން އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 80 ރުފިޔާއެވެ. ވިޔަފާރިއަކަށް ނުވަތަ މަތީ ފެންވަރުގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ. އޭގެ އިތުރުން ވީއައިޕީ ޕެކޭޖެއް ވެސް ލިބެން ހުންނާނެއެވެ. އެ ޕެކޭޖު ނެގުމުން ތަރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

ޓިކެޓު މިހާރު މޫލީ މެދުވެރިކޮށް ގަނެވެން ހުންނާނެއެވެ. ހަމައެއާއެކު ސޮލައިޓް ރެސްޓޯރަންޓުންނާއި މަންހަޓަން ރެސްޓޯރެންޓުން ވެސް ޓިކެޓު ގަންނަން ލިބޭނެއެވެ.

މި ހަރަކާތް އިންތިޒާމުކުރުމުގައި ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ވެސް ބައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!