ކުޑަ ކަކުލަށް ތިރިވެ، ގޮތް ހުސްވެ އާދޭސް ކުރަން އިބޫގެ ފަރާތުން ފައިސަލް، ގާސިމް އަރިހަށް ގޮސްފި
ދެންމެ | 10 މާރޗް 2023

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވަން ނާއިބު ރައީސް ފައިސަލް ނަސީމް ސަން އައިލެންޑަށް ވަޑައިގެންފިއެވެ.

ގާސިމްއާއި ބައްދަލު ކުރެއްވުމަށް ނާއިބު ރައީސް އދ. މާމިގިލީ އެެއަރޕޯޓަށް ވަޑައިގެންފައިވަނީ ވިލާއެއަރގައެވެ. ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސަލް ނަސީމު ސަން އައިލެންޑަށް ވަޑައިގެންފައިވަނީ މިއަދު ހުކުރުން ކުރީގެ ވަގުތެއްގައެވެ. އަދި މިއަދު ސަން އައިލެންޑުގައި ފައިސަލް ގާސިމްއާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ގާސިމްއާއި ބައްދަލު ކުރެއްވުމަށް ސަން އައިލެންޑަށް ވަޑައިގެންފައި މިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅެގޮތުން ގާސިމް އިބުރާހިމް ސިޔާސީ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މިގޮތުން މީގެ ކުރިން ގާސިމް ރައީސް ސާލިހާ ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައިވާއިރު، ރައީސް ސާލިހާއެކީ މިހާރު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންވެސް ވަނީ ސަން އައިލެންޑުގައި ބައްދަލު ކުރައްވާފައެވެ.

އަދި އޭގެ އިތުރުން ގާސިމްގެ އެޑްވައިޒަރުކަމަށް ދާދިފަހުން އައްޔަން ކުރެއްވި ޖޭޕީގެ މެމްބަރު އިލްހާމް އަހުމަދުވެސް ވަނީ ގާސިމް އިބުރާހިމްގެ ފަރާތުން އެމްޑީޕީގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ ލީޑަރު މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައެވެ.

ގާސިމް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރައްވަމުން ގެންދެވިނަމަވެސް، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް ނިންމެވުމެއް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ޖުމުހޫރީ ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެޕާޓީން ގޮތް ނިންމުމުގެ ހުރިހާ އިޚްތިޔާރެއް ޕާޓީގެ ލީޑަރު ގާސިމް އިބުރާހުމްއާ ހަވާލު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!