މިދިޔަ ތިން މަސް ދުވަހު ބައި މިލިއަން ޓޫރިސްޓުން އަތުވެއްޖެ
ދެންމެ | 27 މާރޗް 2023

ރާއްޖެ އަށް މިދިޔަ ތިން މަސް ދުވަހު ބައި މިލިއަން ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 22 ޕަސެންޓުގެ އިތުުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އައިސްފައި ވަނީ ހަތަރު ލައްކަ ޓޫރިސްޓުންނެވެ. މި އަހަރު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރު އެއް ލައްކަ ޓޫރިސްޓުން އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓޫރިސްޓުން ގެނައުމަށް ކަނޑައެޅި އަމާޒާ އެއްގޮތަށް ފުރަތަމަ ކުއާޓަރުގައި ފަސް ލައްކަ ހަމަވީ ދާއިރާގެ އެންމެންގެ ބުރަ މަސައްކަތުން ކަމަށެވެ. މި މަހުގެ މިހާތަނަށް ރާއްޖެ އަށް 150،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ވެސް ރާއްޖެ އަށް 170،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

މި މަހު އެވްރެޖްކޮށް 5،500 ޓޫރިސްޓުން އައި އިރު މި އަހަރު އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކުރީ 6،500 ޓޫރިސްޓުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. އެއީ 60،000 ޓޫރިސްޓުންނެވެ. ދެވަނައިގައި އުޅެނީ އިންޑިއާ އެވެ. އެ ގައުމުން 52،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން 42،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު މިދިޔަ ޖެނުއަރީ މަހު ވަނީ ޗައިނާ އިން ވެސް ޓޫރިސްޓުން އަންނަން ފަށައިފަ އެވެ. އެއީ ކޮވިޑްގެ ކުރިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު މާކެޓެވެ. މި ވަގުތު ރާއްޖެ އަށް 8 ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ.

އެވްރެޖުކޮށް ރާއްޖޭގައި 8 ދުވަހު ޓޫރިސްޓުން ޗުއްޓީ ހޭދަކުރެ އެވެ. ޓޫރިސްޓުން އަންނަ ވަރު އިތުރުވަމުން އަންނަ އިރު ސަރުކާރުގެ އަމާޒަކީ މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް، މިހާރު އަންނަ ވަރަށް ޓޫރިސްޓުން ބާކީ އޮތް މަސްތަކުގައި އަންނަ ނަމަ، އެ އަދަދަށް ވުރެ އިތުރަށް ޓޫރިސްޓުން އައުމުގެ ފުރުސަތު އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!