ކޮތަޅެއްގެ ފީގެ އަގު 8 ރުފިޔާއަށް އަރާނެ ކަން އެންގިން: މީރާ
ދެންމެ | 27 އޭޕްރިލް 2023

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ގާނޫނު އޮތްގޮތުން ވަކި ކޮތަޅެއްގެ އަގު ހަ ރުފިޔާއަށް ނުވަތަ އަށް ރުފިޔާއަށް އަރާނެކަން މާކުރިން އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމުގައި މީރާގެ ޑިރެކްޓާ ޖެނެރަލް، ޓެކްނިކަލް އެންޑް ފެސިލިޓޭޝަން މުހައްމަދު އަލީ ވަހީދު ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ބިލު ކޮމެޓީން ދިރާސާ ކުރިއިރު، އެ ކޮމެޓީއަށް އައުމުގެ ފުރުސަތު މީރާއަށް ދީފައިވެސް ނެތް ކަމަށެވެ.

ނަމަވެސް ބިލުގެ މައުލޫމާތު ލިބުމުން އެކަމުގެ ކަންބޮޑުވުން ސަރުކާރަށް އެންގިކަމަށާއި ކޮންމެ މަރުހަލާއެއްގައި ދެ ރުފިޔާ ނަގާނަމަ އާއްމު މީހާއާއި ހިސާބަށް އަންނައިރު، ވަކި ކޮތަޅެއްގެ އަގު ހަ ރުފިޔާ ނުވަތަ އަށް ރުފިޔާއަށް އަރާނެކަން ފިނޭންސް މިނިސްޓްރީއަށާއި އެންވަޔަރުމަންޓް މިނިސްޓްރީއަށް އަންގާފައިވާނެކަމަށް ވަހީދު ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ފިހާރަތަކުން މުދާ އަޅާފައިދޭ ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ސަރުކާރަށް ނަގާނެއެވެ. އެ ހިސާބު ކިތާބު ބަލަޖައްޓަން ޖެހެނީވެސް މީރާއިން އަންގާފައިވާ ގޮތުން އެހެނިހެން ޓެކްސްތަކާއި ވަކިންނެވެ.

ވަކިން ކޮތަޅެއް ވިއްކި ނަމަވެސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ސަރުކާރަށް ނަގާތީ، ކޮތަޅު ހޯލްސޭލްކުރާ ފަރާތްތަކުން ވަނީ 100 ކޮތަޅުގެ ކޮންމެ ބޮނޑިއެއްގެ އަގަށް 200 ރުފިޔާ އިތުރުކޮށްފައެވެ.

އެހެންކަމުން ކުރިން 25 ރުފިޔާއަށް ވިއްކި 100 ކޮތަޅުގެ ކުދި ކޮތަޅު ބޮޑިއެއް މިހާރު ލިބެންހުރީ 225 ރުފިޔާއަށެވެ. މެދު ސައިޒްގެ ކޮތަޅު ބޮޑިއެއް މިހާތު 235 ރުފިޔާއަށް ލިބޭއިރު ކުރިން އެ ސައިޒްގެ ކޮތަޅު ބޮޑިއެއް ވިއްކަމުން ދިޔައީ 30 ރުފިޔާއަށެވެ. ކުރިން 48 ރުފިޔާއަށް ވިއްކި ކޮތަޅުބޮނޑި މިހާރު ބާޒާރުން ލިބެނީ 240 ރުފިޔާއަށެވެ.

ކުރިން 115 ރުފިޔާއަށް ހޯލްސޭލްކޮށް ގަންނަން ލިބުނު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅު ބޮޑިއެއް މިހާރު ބާޒާރުން ލިބެނީ 300 ރުފިޔާއާއި ގާތްކުރާ އަގަކަށެވެ.

225 ރުފިޔާއަށް ކުރިން ވިއްކި ޑަސްބިން ކަޅު ކޮތަޅު ބޮޑިއެއް މިހާރު ލިބެން ހުރީ 400 ރުފިޔާއިން މަތީގައެވެ.

މާލޭގައި ގިނަ އަދަދެއްގެ މުދާ ހޯލްސޭލް އަދި ރީޓެއިންކޮށް ވިއްކާ ބޮޑު ފިހާރައަކުން މިއަދު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅެއް ގަންނަން ލިބުނީ 5 ރުފިޔާއަށެވެ. އެއީ ކުރިން 2 ރުފިޔާއަށް ވިއްކި ކޮތަޅެވެ. އަދި ކުރިން 5 ރުފިޔާއަށް ވިއްކި ޑަސްބިން ބޭގް ސައިޒްގެ ކަޅު ކޮތަޅެއް އެ ފިހާރައިން ލިބުނީ 8 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!