ބަގުރޫޓް ފައްޔާޒުގެ ޅިޔަނު ބަދުރު ވަގު ޑިޕްލޮމާ ސެޓްފިކެޓެއް ގަތްކަން ފަޅައިއަރައި ރެވިއްޖެ
ދެންމެ | 02 މެއި 2023

މަސްހޫރު ބަގްރޫޓު ވިޔަފާރިވެރިޔާ ފައްޔާޒުގެ ޅިޔަނު ބަދުރުއްދީން ވަގު ޑިޕްލޮމާ ސެޓްފިކެޓެއް ގަތްކަން ފަޅާ އަރުވާލުމުން އޭނާ ރޭރުވެ ރެވިއްޖެ އެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ބަދްރުއްދީން ނަސީމު ކިޔަވައިވިދާޅުވި ކަމަށް ބުނާ ޔުނިވާސިޓީ އޮޅުވައިލެއްވިކަން ފަޅާއަރައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފަ އެވެ.

ބަދުރު ދަސްވެނިވެވަޑައިގެންނެވި ފޮޓޯއާއި ވީޑިއޯ މިއަދު ޓުވިޓާގައި ހިއްސާކުރެއްވުމަށްފަހު އޭނާގެ ލިންކްޑިން ބައޯގައި ޖައްސަވާފައިވަނީ އޭނާ ކިޔަވައިވިދާޅުވީ ޔުނިވާސިޓީ އޮފް ވެސްޓްމިނިސްޓާއިން ކަމަށެވެ.

އެ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް ހާސިލުކުރެއްވިކަމަށް އޭނާގެ ލިންކްޑިން ބައޯއަށް އިތުރުކުރެއްވިފަހުން ޓުވިޓާގައި ”ހަސަން ކުރުސީ“ގެ ނަމުގައި އެކައުންޓުންވަނީ އެ ޔުނިވާސިޓީގައި ބަދުރު ކިޔަވައިވިދާޅުނުވާކަމާއި، އޭނާ ދަސްވެނިވެވަޑައިގަތީ އެ ޔުނިވާސިޓީން ނޫންކަން ފަޅާއަރުވައިލާފައެވެ.

އެފަދައިން ކުރުސީ ޓުވީޓުކުރުމުން ބަދުރުވަނީ އޭނާއަށް ދަސްވެނިވުމުގެ ހަފުލާއަށް ދައުވަތުދީ ފޮނުވާފައިވާ އީ-މެއިލެއްގެ ވީޑިއޯއެއް ޝާއިއުކުރައްވާފައެވެ. ނަމަވެސް އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާއަށް އީމެއިލު ފޮނުވީ ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާއިންނެއް ނޫނެވެ.

އެއާއެކު ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާގެ އިސްދަރިވަރުންގެ ޖަމްއިއްޔާގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އިރުތިޝާމް އާދަމްވަނީ ބަދުރު އެ ޔުނިވާސިޓީން ކިޔަވައިވިދާޅުނުވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ޔުނިވާސިޓީން ދަސްވެނިވި ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ މައުލޫމާތު އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. ”އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ޔުނިވާސިޓީ އޮފް ވެސްޓްމިނސްޓާއިން މަނިކުފާނު ދުވަހަކުވެސް ކިޔަވާވިދާޅުނުވޭ، މައާފުކުރައްވާ ބަދުރު،“ އިރުތިޝާމް ވިދާޅުވިއެވެ.

މިކަން ގިނަ ބައެއްގެ ސަމާލުކަން ލިބުމާއެކު އޭނާގެ ލިންކްޑިން ބައޯ ބަދަލުކުރައްވައި އޭނާ ދަސްވެނިވި ޔުނިވާސިޓީއަކީ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ ސެއިންޓް ޑޭވިޑް ޔުނިވާސިޓީއަށް ބަދަލުކުރައްވައި، ފުރަތަމަ ޓުވީޓުގައި ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާ ޓެގުކުރެއްވީ ގަސްތުގައި ކުރުސީ އެކްޓިވޭޓުކުރެއްވުމަށް ކަމުގައި ބަދުރު ވިދާޅުވިއެވެ.

ނަމަވެސް އާންމު ފަރާތަކުންވަނީ ބަދުރު އޭނާގެ ޕްރޮފައިލް އަޕްޑޭޓުކޮށް ލިންކްޑިން ބައޯގައި ފުރަތަމަ ޖެހި ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާގެ ބަދަލުގައި ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ ސެއިންޓް ޑޭވިޑު ފަހުން ޖެހިކަން ހާމަކޮށް ސްކްރީންޝޮޓުތައް ހިއްސާކޮށްފައެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ ބަދަރު ތއުލީމު ހާސިލުކުރި ޔުނިވާސިޓީއަށްވުރެ މަތީ ފަންތީގެ ޔުނިވާސިޓީއަކުން ދަސްވެނިވެވަޑައިގެންނެވިކަން ދެއްކެވުމަށް މަސައްކަތްކުރެއްވިކަން ފާހަގަކޮށް އޭނާއަށް ފާޑުކިޔަމުންނެވެ. އަދި އެފަދަ ކަންކަމަކީ މަތީ ފަންތީގެ ޑިޕްލޮމެޓުން ކުރާ ކަންކަމެއް ނޫންކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

އޭގެ އިތުރަށް ބައެއް ފަރާތްތަކުން ފާހަގަކުރި ގޮތުގައި މިފަދަ މައްސަލައެއް ފެންމަތިވުމަކީ ތަހުޒީބު ޤައުމުތަކުގައި އާންމު ރައްޔިތުންނަށް ޚިދުމަތްކުރާ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާދެއްވާ ވަރުގެ ކަންކަން ކަމުގައި ފާހަގަކޮށްފައެވެ.

ބަދުރު ތައުލީމު ހާސިލުކުރެއްވި ޔުނިވާސިޓީ އޮޅުވައިލެއްވި މައްސަލަ ފެންމަތިވިއިރު، މީގެ ކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޒިފްލީނާ ރާއްޖޭގެ އެމްކިއުއޭއިން ބަލައިނުގަންނަ ފޭކު ޕީއެޗްޑީއެއް ހޯއްދެވިކަންވަނީ ހާމަވެ އާންމުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!