ރާއްޖޭގެ ނޫސްވެރިކަން ދަށަށް ދިޔައީ ސަރުކާރުން މީޑިޔާތަކަށް ގަތުމުން: އާރުއެސްއެފް
ދެންމެ | 03 މެއި 2023

ސްޕޮންސާގެ ނަމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުން ރާއްޖޭގެ މީޑިއާއަށް ދޭ ފައިސާގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދިޔަ ކަމަށް ރިޕޯޓާޒް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ބުނެފި އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ނެރުނު ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ ހާލަތު ދަރަޖަ ކުރާ އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ 100 ވަނައިގަ އެވެ. ކޮންމެ އަހަރަކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު މި ރިޕޯޓް ނެރޭއިރު، މިދިޔަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ދަށަށް ދިޔަ ސަބަބުތަކާ ގުޅޭގޮތުން އާރުއެސްއެފުން ބުނީ، އެސްއޯއީތަކުން ނޫސްތަކުގައި އިޝްތިހާރު ކުރަނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ނޫން ކަމަށާއި އެކަމުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.

އެގޮތުން ބައެއް ހާލަތްތަކުގައި މާ ބޮޑު އޯޑިއަންސެއް ނުވަތަ ކިޔުންތެރިން ނެތް މީޑިއާތަކަށް ދައުލަތުގެ ވިޔަފާރިތަކުން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި އެބަހުރި ކަމަށެވެ.

އޭގެ ބަދަލެއްގެ ގޮތުން، އެ ކުންފުނިތަކުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ނުވަތަ ނުރުހުން އުފެދޭ ގޮތަށް ލިޔާ ލިޔުންތައް ނަގަން އެ ނޫސްތަކުގެ އެޑިޓަރުންނަށް ކުންފުނިތަކުން އަންގާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި 100 ވަނައަށް ވެއްޓުމުގެ މާނައަކީ ރާއްޖެ މިހާރު އޮތީ ”ޕްރޮބުލެމެޓިކް“ ކެޓަގަރީ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓެގަރީގަ އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް އެހާ ބޮޑުތަނުން ދަށަށް ދިއުމުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާއިން ބުނީ ޕްރެސް ފްރީޑަމް އިންޑެކްސް ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުގެ ހަރުދަނާކަން ގެއްލުމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!