ފޯޅަވެހި މައްސަލަ: ކަޅު މުހައްމަދު ރަސްގެފާނަށް ވުރެ އިބޫ ކަލޭގެ ނުބައި: ޑރ. މުނައްވަރު
ދެންމެ | 03 މެއި 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ނޫނީ ދައުލަތެއް ހިންގުމަށް ދައުލަތެއްގެ ދުޝަމަނުން ތިބެފައި ނެތްކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނުން ޗާގޮސްއާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ.މުނައްވަރު ވިދާޅުވީ އެ މައްސަލަ އިޓްލޮސްއަށް މޮރިޝަސްއިން ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އުޅުނީ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ހަމަހަމައަށް ބައިކޮށްފައި ބަހައިނުލެވިގެން ކަމަށެވެ.

”ފުރަތަމަ ދުވަހުން ފެށިގެން ހަމަހަމައަށް ބައިކުރަމާ ހިނގާށޭ ކީ. އަޅުގަނޑުގެ ސުވާލަކީ އެހެންވެއްޖެއްޔާ ޓްރައިބުއުނަލަށް ދިޔައީ ކީއްކުރަންތޯއޭ؟ އެތާގައި ތިބި ވަކީލުންނަށް މިލިއަން ރުފިޔާ ދީގެން މި ބޭފުޅުން އެއްފަހަރު އެމެރިކާއަށް އަނެއްފަހަރު ހެމްބާގަށް އަނެއް ބާގަކަށް ގޮސްގެން ތިޔަކުރީ ކީއްތޯއޭ؟ ޓްރައިބުނަލަށް ނުދިޔަޔަސް ހަމައަށް ބައިކުރެވޭނެ ނޫންހޭ؟،“ ޑރ.މުނައްވަރު ވިދާޅުވިއެވެ.

އެގޮތުން މުނައްވަރު ފާހަގަކުރެއްވީ އެ ކަނޑުގެ ސަރަހައްދަކީ ދިވެހިންގެ އިޤުތިޞާދާ ގުޅިފައިވާ ދިވެހިން މަސް ބޭނުމަށް ބޭނުންކުރަމުން އައި ސަރަހައްދެއްކަން އިޓްލޮސްގެ އަޑުއެހުމުގައި ދިވެހިރާއްޖެއިން ފާހަގަނުކުރާ ކަމަށެވެ. ”އަޅުގަނޑުމެންނަކީ ތިޔަ ކަނޑުން މަސްބާނައިގެން ކައިގެން ބޮއެގެން އުޅޭ ބައެކޭ. އަޅުގަނޑުމެންގެ ދިރިއުޅެނީ ތިޔަ ކަނޑުން ހޯދާ ރިޒުޤުންނޭ. މިއިން ވާހަކައެއް ދެއްކީއެއް ނޫން،“ މުނައްވަރު ފާހަގަކުރެއްވިއެވެ.

އިތުރަށް މުނައްވަރު ފާހަގަކުރެއްވީ މޮރިޝަސްއަކީ މަސްވެރިކަންކުރާ ޤައުމެއް ނޫންކަމަށާއި، އެ ޤައުމަކީ މުޅިންވެސް އެހެން މީހުންނަށް އެ ޤައުމުގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން ލައިސެންސް ދޫކުރާ ޤައުމެއް ކަމަށެވެ. ކަނޑުގައި މަސްވެރިކަންކުރަން ލައިސެންސް ދޫކުރާ ބަޔަކަށް ކަނޑުގެ ބައެއް ދޫކޮށްލި އެ ވާހަކަ ނުދެއްކީ ކީއްވެތޯވެސް އޭނާ ސުވާލުއުފެއްދެވިއެވެ.

އިތުރަށް ޑރ.މުނައްވަރު ފާހަގަކުރެއްވީ ޗާގޮސްއަކީ ބަޔަކު ދިރިއުޅޭ ތަނަކަށް ނުވާއިރު، އިކޮނޮމިކް އެކްސްކުލޫސިވް ޒޯން ނުވަތަ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ އިންސާނީ އިޤުތިޞާދީ އިޖުތިމާއީ މަފުހޫމެއް ކަމަށެވެ. މީހުން ދިރިނޫޅޭ ތަނަކަށް އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށް ވަކާލާތުކުރެވެން އޮއްވައި އެ ނުކުތާވެސް ފާހަގަކޮށްފައި ނެތްކަމަށެވެ.

މިހުރިހާ ކަމެއް ފާހަގަކުރައްވައި ޑރ.މުނައްވަރު ވިދާޅުވީ މިރާއްޖޭގައި ނޫނީ ދައުލަތުގެ ދުޝްމަނުން ދައުލަތް ހިންގަން ތިބި ތަނެއް މުޅި އިންސާނީ ތާރީޚުންވެސް ނުފެންނަ ކަމަށެވެ. ރާއްޖޭގެ ދުޝްމަނުންނަކީ ރައީސުލްޖުމްހޫރިއްޔާއާއި ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ އިތުރަށް ޚާރިޖީވަޒީރުކަމުގައިވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ. ”މިނޫނީ ދައުލަތެއް ހިންގަން ދައުލަތުގެ ދުޝްމަނުން ތިބެފައި އޮތްތަން ތަރީޚުން ފެންނަން ނެތް،“ ޑރ.މުނައްވަރު ވިދާޅުވިއެވެ.

ޑރ.މުނައްވަރު ވިދާޅުވީ މިއަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެކަމަށް ރައީސް އިބްރާހީމު ވިދާޅުވެފައިވާތީ އެއީ ރަނގަޅު ވާހަކައެއްކަމަށާއި އެމީހަކަށް ލިބޭނީ އެމީހެއްގެ ޤާބިލުކަން ހުރި މިންވަރުން ލިބޭ ކަންކަން ކަމަށެވެ. އަދި 7 މޭލު ލިބުނަސް ރައީސް އިބްރާހީމު ވިދާޅުވީ ރަނގަޅުކަމަށް ކަމުގައެވެ.

”ބައްލަވާ ސަރަހައްދުގެ އެއްބައި ދޫކޮށްފައި އެކަކު އަނެކަކަށް ބައްދައި ސަލާންކޮށް ހީ ހަވާއަރުވާފައި ވަރަށް މޮޅުވެއްޖެޔޭ. ބައްލަވާ މޮޅެއްނުވާނެނޫންތޯ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައި،“ ޑރ.މުނައްވަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!