ބުރިން ހަންނަނގާ އަދަގޮނޑި ޖެހުމުގެ ކުރިން އެމްޑީޕީން 12 މެމްބަރުން ވަކިވެއްޖެ
ދެންމެ | 17 މެއި 2023

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި ”ފިކުރެއްގެ ދިރުމުގައި“ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކަކާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕާޓީން އިސްތިއުފާ ދެއްވަން ސިޓީ ފޮނުއްވާފައިވާ ކަން ”މިހާރު“އަށް ވަނީ ކަށަވަރުވެފަ އެވެ.

މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދާ އެކު މަސައްކަތް ކުރައްވާ އެމަނިކުފާނު ފެކްޝަނުގެ 12 މެމްބަރަކު މި އިސްތިއުފާގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. މި ނިންމުން ނިންމީ، ފިކުރެއްގެ ދިރުމުގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުންނެވެ.

ނަޝީދާ އަރިސް ގިނަ މެމްބަރުންތަކެއް ވަކިވެވަޑައިގަތުމާ އެކު ”ފިކުރެއްގެ ދިރުމުގައި“ ތިބި ޕާޓީގެ އާއްމު މެމްބަރުންތަކެއް ވެސް އެމްޑީޕީން ވަކިވާން އަންނަނީ ފޯމު ފުރަމުންނެވެ. އެ ހަރަކާތް ހިނގާއިރު، ނަޝީދުގެ ވިސްނެވުން އިއުލާންކުރައްވަން، މިއަދު ހަވީރު 5 ޖަހާއިރު އެ ފެކްޝަނުގެ ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ފިކުރެއްގެ ދިރުންގައި ހަރަކާތްތެރިވި ބައެއް މެމްބަރުން ޕާޓީން ވަކިވާން ފޯމު ފުރަނީ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމް ވަކިކުރީ، ޗާގޮސް މައްސަލާގައި އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވުމާއި ސަރުކާރާ ދެކޮޅު މުޒާހަރާއަށް ނުކުތުމުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

އީސީން ވެސް ވަނީ އާޒިމް، އެމްޑީޕީގެ ދަފްތަރުން އުނިކޮށްފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އާޒިމް ޕާޓީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީ ބޭއްވީ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށެވެ.

ނަޝީދު، ފިކުރެއްގެ ދިރުމުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. — ފޮޓޯ | މިހާރު

އާޒިމްގެ އިތުރުން ހަތަރު މެމްބަރަކު ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި މައްސަލާގައި ފިޔަވަޅު އަޅަން ވެސް ޕާލަމަންޓްރީ ގްރޫޕުން ފޮނުވި އެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

މި މެމްބަރުން ޕާޓީން ވަކިކުރުމުގެ ފަހު އިންޒާރު އޮތީ ދީފަ އެވެ.

އެމްޑީޕީން އިސްތިއުފާ ދެއްވި މެމްބަރުން

މުހައްމަދު ޝިފާޒް (އެމްޑީޕީގެ ނައިބު ރައީސް)

ހަސަން ލަތީފް (ހެންވޭރު ހުޅަނގު)

އީވާ އަބްދުﷲ (ގަލޮޅު އުތުރު)

އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)

އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު)

މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާ)

ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު)

އިބްރާހިމް ރަޝީދު (ބޮންޑޭ)

ހަސަން އަފީފް (ވިލުފުށި)

ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާ)

މުހައްމަދު ރަޝީދު (ބޯދިގު، މައްޗަންގޮޅި އުތުރު)

ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ)

އަހްމަދު ޒާހިރު (ގައްދޫ)

ހުސެއިން އަމްރު (އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު)

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!