އިބޫގެ ސަރުކާރަށް ރައީސް ނަސީދު ވަގަށް ގޮވާތީ މަހްލޫފު ކޯފާ ވެއްޖެ
ދެންމެ | 21 ޖެނުއަރީ 2023

ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން އެބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސަރުކާރަށް ވަގަށް ގޮވާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ނަޝީދާއި އޭނާއަށް ތާއީދު ކުރައްވާ ފަރާތްތައް ރައީސް ޞާލިހާއި ދެކޮޅުވީ އެ ބޭފުޅުން ބޭނުންވާހާ ގޮތަށް ވެރިކަން ނުކުރައްވާތީ ކަމަށެވެ.

ނަޝީދާއި އޭނާގެ ވަފާތެރިން ބޭނުންފުޅުވަނީ ރައީސް ޞާލިހު ޕަޕެޓެއްގޮތަށް ވެރިކަން ކުރައްވަން ކަމަށާއި، އެމަނިކުފާނާއި ދެކޮޅުވީ އެއްވެސް މީހެއްގެ ޕަޕެޓަކަށް ވެވަޑައިނުގަތުމުންކަމަށް މަހުލޫފު ވިދާޅުވިއެވެ.

”މައްސަލައަކީ ވަކި ބޭފުޅަކު ބުނާ ގޮތަށް ކެބިނެޓަށާއި، ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރުން.. ވަކި ވަރަކަށްތާ އައްޔަން ކުރެވޭނީވެސް.. މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން“

މަހުލޫފު ވިދާޅުވީ ނަޝީދު މިހާރު މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިއާއަކީ ހަތުރެއްކަމަށް ހައްދަވައިގެން ކަމަށެވެ. އަދި ނަޝީދު އިސްވެ ހުންނަވައި މި ސަރުކާރު ބަދުނާމުކޮށް ވާހަކަދައްކަވަމުން ވަޑައިގަތުމަކީ ކަންބޮޑުވާކަމެއް ކަމަށް މަހުލޫފު ވިދާޅުވުއެވެ.

”އަމިއްލަ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރަށް ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އަޅުވަމުން ގެންދާކަމީ، ހަމަ އެހެންމެ ބެސްޓް ފްރެންޑް ހަތުރަކަށް ބަދަލުވާގޮތަށް ކަންކަން ވެގެންދާކަމީ އަޅިގަނޑު ވަރަށް ދެރަވާކަމެއް“

އެއާއެކު މަހުލޫފު ވަނީ ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވޭނެ މަގުން ކަންކަން ނުކުރެއްވުމަށް ނަޝީދާއި ނަޝީދުގެ ވަފާތެރިންނަށް ގޮވާލައްވާފަ އެވެ. ޕްރައިމަރީއަށް ފަހު އެމްޑީޕީ އެއްގަލަކަށް އަރަން ޖެހޭ ކަމަށާއި، މާލޭ މީހަކަށް ނޫނީ ވެރިކަން ނުކުރެވޭނެކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭކަމަށް މަހުލޫފު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!