އިވާ ބޭރުކޮށް، މަޖިލިސް ނައިބް ރައީސް ކަން ހޯދަން އައްޑޫ އަސްލަމް ތެޅިގެންފި
ދެންމެ | 17 މެއި 2023
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެެވެ. އީވާއަކީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދު ކުރަށްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ. އީވާއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރަށްވާ 12 މެމްބަރަކު މިއަދު ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ.

”ރަސްއޮންލައިން“ އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ކަމުގައި ހުންނަވަންޖެހޭނީ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އީވާ އެ ޕާޓީން ވަކިވެވަޑައިގެންފައިވާތީ އޭނާ މަޖިލީހުގެ ނާއިބު ރަައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް ނާއިބް ރައީސް މަގާމުން ވަކިކުރުމާއި ގުޅޭގޮތުން މިހާތަނަށް ވަކި ނިންމުމެއް ނިންމާފައިނުވާ ކަަމަށެވެ. އެހެން ނަމަވެސް އެ މަޝްވަރާތައް ޕީޖީ ގުރޫޕްގައި ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

”އެކަމާއި މެދު (އީވާ މަގާމުން ވަކިކުރުމާއި މެދު) ވަރަށް ސީރިއަސްކޮށް ވިސްނައި އަޅަންޖެހޭ ފިޔަވަޅުތައް ޕާޓީން އެޅުމުގެ މަސައްކަތް ކުރިއަށްދާނެ، އަދި ވަކި ގޮތެއް ނުނިންމާ.“ އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!