އަމީނީ މަގުގައި ފެން ބޮޑު ވަނީ މުޅި މާލެ އަމީނީ މަގަށް އަރިއަކަށް އޮންނާތީ: މޫކޭ
ދެންމެ | 23 މެއި 2023

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ން ހަދަމުން އަންނަ އަމީނީ މަގުގައި ބޯކޮށް ވާރޭ ވެހޭއިރު، ފެންބޮޑު ވަނީ މާލެ އަރިއަކަށް އޮތުމުން ކަމަށް އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އާރުޑީސީން އަމީނީ މަގު ހަދަން ފެށި ފަހުން ވެސް ތާރު އަޅައި ނިމުނު ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އޭރު އެ ކޯޕަރޭޝަނަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އޭރު އެ ކޯޕަރޭޝަނުން ބުނީ، އެކަން އެގޮތަށް ދިމާވީ މަސައްކަތް ނިމިފައި ނުވާތީ ޕަމްޕުތައް ޖައްސާފައި ނުވާތީ ކަމަށެވެ.

ރޭ ރާއްޖޭ ޓީވީން ގެނެސްދިން ”ފަލަސުރުހީ“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް ނިމިފައި އޮންނައިރު، މާލެއަށް މިހާރު ވެހޭ ވަރަށް ވާރޭ ވެހިގެން އަމީނީ މަގުގައި ފެންބޮޑު ނުވާނެ ކަމަށެވެ.

”މިސާލަކަށް އެންމެ ފަހުން މުޅި މާލޭގަ ފެންބޮޑުވި ދުވަހު، އެދުވަހު 88 މިލިލީޓަރުގެ ވާރޭ މާލެއަށް ވެހުނު. އެހުރިހާ ފެނެއް ޖަމާވަނީ އަމީނީ މަގަށް. މާލެ އޮތީ އަމީނީ މަގަށް ވާ ގޮތަށް އަރިކޮށް. ހަގީގަތަކީ އެއީ. މުޅި މާލެއަށް ވެހޭ ފެން ޖަމާވަނީ އެ ސަރަހައްދަށް“ މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، އެހާ ބައިވަރު ފެން އެއް ތަނަކަށް ޖަމަވާއިރު، އެތަނެއްގެ ޕަމްޕް ސްޓޭޝަންތައް މަސައްކަތް ނުކުރަންޏާ މުޅި މާލޭގައި ފެންބޮޑުވާނެ ކަމަށެވެ. އަމީނީ މަގުގައި ފެންބޮޑުވި ދުވަހު ފެން ނުހިނދިގެން އުޅޭ ސަބަބު ބެލިއިރު، ކަރަންޓް ކޭބަލް ބުރިކޮށްލާފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް މޫކޭ ވިދާޅުވިއެވެ.

”އެކަން ރަނގަޅު ކުރުމާއެކު ޕަމްޕް އޮޕަރޭޝަނަށް ގެނެވި ހަމަ ބަރާބަރަށް ފެން ހިންދަމުން ދިޔައީ. މިހާރު ވެސް އަޅުގަނޑުމެން ވަގުތީ ޕަމްޕެއް ބަހައްޓައިގެން ވެސް އެބަ މެނޭޖް ކުރެވޭ ނޯމަލް ކޮށް ވެހޭ ވެހުން“ މޫކޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!