ތުން މެޓަލަކާއި ތިލަފުށިން ދެ ބިންމަށް ސަރުކާރުން ބުރުމާ ގާސިމް ގަނެފި
ދެންމެ | 30 މެއި 2023

ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ތިބެން ވާނީ ގައުމު ހަލަބޮލި ނުވާނެ ވިސްނުމެއްގައި ކަމަށާއި ފޯޅަވަހި ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި އެއްވެސް މެންބަރަކު ބައިވެރި ނުވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ގާސިމް މިގޮތަށް އެދިވަޑައިގެންފައި މިވަނީ ސަރުކާރުން އޭނާއަށް ތިލަފުށިން ބޮޑު ދެ ބިން ދީފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖެ އާއި ޗާގޯސް އާއި ދެމެދު އިން ވަކިކުރި ގޮތާމެދު ހިތްހަމަނުޖެހި، އެއީ ދިވެހިންގެ ކަނޑުން ބައެއް ވިއްކާލީ ކަމަށް ބުނެ، ”ފޯޅަވަހި ކޯލިޝަނުން“ ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރި ނުވުމަށް އިލްތިމާސްކޮށް ގާސިމް މިއަދު މެސެޖު ފޮނުއްވީ އެ ޕާޓީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށެވެ.

”ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ،“ އެ މެސެޖުގައި ލިޔުއްވައިފައިވެ އެވެ.

ޕާޓީގެ މެމްބަރުންނަށް ގާސިމް ހަނދާން އާކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީތަކުން މެއި 1، 2015 ގައި ބޭއްވި ”މޭޑޭ މުޒާހަރާ“ގެ ނަތީޖާ ނުކުތް ގޮތެވެ.

ގާސިމް ވިދާޅުވީ މޭޑޭގެ މުޒާހަރާއިން ނުކުންނާނެ ކަމަށް ލަފާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި އެ މުޒާހަރާގައި ވެސް ޖުމްހޫރީ ޕާޓީން ބައިވެރިނުވަން ނިންމީ ނަތީޖާ ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.

ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށާއި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އެދިވަޑައިގެންނެވި އެވެ.

އެ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް އިލްތިމާސް ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ފޯޅަވަހި ކޯލިޝަނާ އެކު މަސައްކަތްތަކެއް ވެސް ކުރައްވައިފަ އެވެ. ނަމަވެސް އެ ޕާޓީން ކަނޑުގެ އިންވަކިކުރުމުގެ މައްސަލައިގައި ރަސްމީކޮށް ވަކި ސްޓޭންޑެއް ނަގައިފައެއް ނުވެ އެވެ.

ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިފައިވާ ކަމަށް ބުނެ ފޯޅަވަހި ކޯލިޝަނުން އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު އެ ކޯލިޝަނުގެ ތެރޭގައި ވެސް ވަނީ ބައެއް ކަންކަމުގައި ދެބަސްވެ ހިޔާލު ތަފާތުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!