ލަންދޫގައި ކުނި ނެގުމަށް ސަރުކާރުން ފޮނުވި ލޮރީގައި ބަޔަކު ރޯކޮށްލައިފި
ދެންމެ | 30 މެއި 2023

ނ. ލަންދޫގައި ކުނި ނެގުމަށް މަސައްކަތަށް ސަރުކާރުން ފޮނުވި ލޮރީގައި ބަޔަކު ރޯކޮށްލައިފި އެވެ.

ލަންދޫ ކައުންސިލުގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވި ގޮތުގައި, އެ ލޮރީގައި ރޯކޮށްލީ ރޭ ފަތިހު 3:50 ހާއިރެވެ. އަދި އެ ހާދިސާގައި ލޮރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ މަހުގެ ތެރޭގައި ކައުންސިލަށް ލިބުނު އެ ލޮރީއަކީ 480,000 ރުފިޔާގެ ލޮރީއެއް ކަމަށާއި އެއީ އަންނަ މަހު އެރަށުގައި ފަށާ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންކުރަން ހަމަޖެހިފައި އޮތް މުޅިން އާ އަދި ބޭނުންވެސް ނުކޮށް އޮތް ލޮރީއެއް ކަމަށެވެ.

“މީގެ ކުރިން ލޮރީ ބާއްވާފައި އޮންނާނީ ކައުންސިލް ގޯތިތެރޭގައި. ނަމަވެސް ކަރަންޓު މައްސަލައެއް އުޅޭތީ ފާރު ތަޅާލައިގެން އުޅޭތީ އެ ލޮރީ ބާއްވާފައި އޮތީ ކައުންސިލް އިދާރާއާ ޖެހިގެން އޮތް ހުސްބިމެއްގައި. މިއީ ގަސްދުގައި ކުރި,” މަންސޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ލޮރީގައި ރޯކޮށްލި ކަމަށް ތުހުމަތުވާ މީހާ ކައުންސިލް ގޯތި ތެރެ ފެންނަ ގޮތަށް ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެ ވީޑިއޯއިން އެއީ ކާކުކަން މާރަނގަޅަށް ސާފު ނުވާ ކަމަށެވެ.

މަންސޫރު އިތުރަށް ވިދާޅުވީ, ލޮރީގައި ރޯކޮށްލި ކަމަށް ތުހުމަތުވާ މީހަކު ނެތް ކަމަށާއި ރޯކޮށްލުމުގެ ކުރިން އެއްވެސް އިންޒާރެއް ހިތްހަމަނުޖެހުމެއްވެސް ލިބިފައި ނެތް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!