ބަންޑާރަ ނައިބް ގާނޫނު އޮޅާލައި މަޖިލީހަށް ހާޒިރެއް ނުވި
ދެންމެ | 31 މެއި 2023

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ދިފާއުގައި މަޖިލީހަށް މިއަދު ވަޑައިނުގެން، ލިޔުމުން ދިފާއު ފޮނުއްވުމުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ސުވާލު އުފެއްދެވި ނަމަވެސް ގާނޫނުއަސާސީގައި ބުނަނީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި، މަޖިލިހުގައި އެ މައްސަލައާ ގުޅިގެން ކުރެވޭ ބަހުސްގައި، އަނގަބަހުންނާއި ލިޔުމުން ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާއިރު، ޖަލްސާ ފެށުމާއެކު، ރިޔާސަތުން ނަޝީދު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ވަގުތެއް ދިނުމަށް ކަމަށެވެ.

ނަމަވެސް، މަޖިލިހަށް ހާޒިރުވެވަޑައިނުގެން، ރިފްއަތުގެ ދިފާއު ލިޔުމުން ފޮނުއްވާފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

”ގާނޫނުއަސާސީގައި އެބަ ބުނޭ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަކުގައި ޖަވާބުދާރީވުމުގެ ފުރިހަމަ ފުރުސަތު އެ ވަޒީރަކަށް ދޭން ޖެހޭނެ ކަމަށް،“ އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެއާ އެކު، ނަޝީދު ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަންނަވައި، އެ މަޝްވަރާ ކުރުމަށްޓަކައި، މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.

ބަންޑާރަ ނައިބާ ދެކޮޅަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.

ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް ވައްދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!