އަމިއްލަ ގުއި ނުދޮވެވޭ ބަންޑާރަ ނައިބަކަށް ގައުމު ތާހިރެއް ނުކުރެވޭނެ: މޮސްޓާ
ދެންމެ | 31 މެއި 2023

އަމިއްލަ ދިފާއުގައި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނުކުރުނު މީހަކަށް ޤައުމުގެ ދިފާއުގައި ވަކާލާތުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިފަދައިން ވިދާޅުވީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ބަދަލުގައި ލިޔުމުން ޖަވާބެއް މަޖިލީހަށް ފޮނުއްވުމާ ގުޅިގެން މިއަދު މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަހުގެ ކުރިން އެކަން އެ ވަޒީރަކަށް އަންގަންވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ ވަޒީރަކަށް އޮންނާނެ ކަމަށެވެ.

ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅި ޕާޓީތަކުންވަނީ ޤާނޫނު އަސާސީ އޮތް ގޮތުން ރިފްއަތު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެ މާއްދާ އޮތް ގޮތުން އަނގަބަހުންނާއި ލިޔުމުންކަމަށް ބުނެފައިވާ ބުނުމުގެ މުރާދަކީ ކިތާބީ ހެކި ދިފާއުގައި ބޭނުންކުރެވުންކަމަށްވެސް އެ ޕާޓީތަކުން ބުނެފައިވެއެވެ.

ރިފްއަތު މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލައަށް އިޝާރާތްކުރައްވައި މޮސްޓާ ވިދާޅުވީ، ޤާނޫނު އަސާސީގައި އޮތީ ރިފްއަތު ގެންނާކަށް ނޫން ކަމަށާއި، އޮތީ ބަންޑާރަނައިބު ގެންނަން ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރުންނަށް ޖަވާބުދާރީވުމަށް ވަޑައިނުގަންނަވާ ބޭފުޅަކަށް ޤައުމުގެ ދިފާޢުގައި ވަކާލާތުނުކުރެއްވޭނެ ކަމަށެވެ.

އިތުރަށް މޮސްޓާ ފާހަގަކުރެއްވީ ޤާނޫނު އަސާސީގައި ވަޒީރުން ދިފާއުވުމުގެ ވާހަކަ ބަޔާންކުރާ މާއްދާގައި އަނގަބަހުންނާއި ލިޔުމުން އޮތުމުން އެއީ އެ ދެގޮތް އެއްކޮށް ބޭނުންކުރުންކަން ދޭހަވާ ކަމަށެވެ. އާންމުކޮށް ދެ ގޮތުން ކުރެ ވަކި ގޮތެއް އިޚުތިޔާރުކުރާނަމަ ”ނުވަތަ“ ޤާނޫނީ ނައްސުގައި އޮންނަކަންވެސް މޮސްޓާ ފާހަގަކުރެއްވިއެވެ.

އިތުރަށް މޮސްޓާ ވިދާޅުވީ ބަންޑާރަނައިބުގެ މަޤާމުގައި ހުންނަވާކަމަށްވާނަމަ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. އަދި މީގެ ކުރިންވެސް އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް ރިފްއަތު ލަފާދެއްވާފައިވާ ކަމަށެވެ. އެގޮތުން ސިނގެރެޓު ކޮންޓެއިނަރެއްގެ ކަންތަކުގައިވެސް އަމިއްލައަށް ފައިދާ ލިބޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ.

މޮސްޓާވަނީ ރިފްއަތަކީ ޤާނޫނަކީ ކޯއްޗެއްކަން އެނގިވަޑައިގަންނަވާ ބޭފުޅެއްނޫންކަމަށް ވިދާޅުވެ އޭނާ އެ މަޤާމުގައި ބަހައްޓަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން އޭނާ މިއަދުން މިއަދަށް އިސްތިއުފާދެއްވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!