ބަންޑުން އޮވެ ނިދުމުން ގުނަވަންތަކަށް ގެއްލުން ވޭ!
ދެންމެ | 05 ޖުލައި 2023

ނިދުމާއި ނިދުމާއިގުޅުންހުރި ބައެއް ކަންތައްތަކަކީ އިންސާނާގެ ސިއްހަތާ ސީދާ ގުޅުންހުރި ކަންތައްތަކެކެވެ. ނިދުމަކީ އިންސާނާގެ ހަށިގަނޑަށް އަރާމާއި ހަމަޖެހުން ގެނެސްދޭ ކަމެކެވެ. އަދި މިއީ އިންސާނާގެ ހަށިގަނޑު ހަމަޖެހިލާ، އަނެއް ދުވަހަށް ތައްޔާރުވުމަށް ހަށިގަނޑަށް ދެވޭ ފަރުވާއެއްވެސް ނެއެވެ. އެހެންކަމުން ނިންޖަކީ އެއާއި މެދު ފަރުވާތެރިވުން މުހިއްމު ކަމެކެވެ.

އިންސާނާ ނިދުމުގައި ގެންގުޅެންޖެހޭ ރީތި އާދަތަކެއް ހުރެއެވެ. އެގޮތުން ނިދުމުގެ ކުރިންނާއި ނިދާ ހޭލައިގެން ދަތް އުނގުޅުން ހިމެނެއެވެ. އަދި ނިދާއިރު، ނިދަން އޮންނަ ގޮތަކީވެސް މުހިއްމު ކަމެކެވެ. އެކި މީހުންނަށް ފަސޭހަވާނީ އެކި ގޮތަށް އޮވެ ނިދާށެވެ. ނަމަވެސް އިސްލާމް ދީނުގައި، ބަންޑުން ނުވަތަ ބަނޑުވަތަށް އޮވެ ނިދުން ވަނީ މަނާކުރައްވާފައެވެ. އެކަމުގައި ސިއްހީ އެތައް ސިއްރުތަކެއް ވެއެވެ.

ބަނޑުވަތަށް އޮވެ ނިދުމަކީ ފަހަރުގައި ގުގުރިދަމާ މީހެއްގެ ގުގުރީގެ އަޑު ކެނޑިދާނޭ ކަމެއް ކަމުގައި ވީނަމަވެސް މިއީ ސިއްހީގޮތުން އެހާ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ބަނޑުވަތަށް އޮވެ ނިދުމަކީ އެކަމުގެ ސަބަބުން ތަފާތު ރިހުންތަކާއި ތަދުތައް ކުރިމަތިވެދާނެ ކެމެކެވެ. އަދި ބައެއްކަހަލަ ރިހުންތައް، ބަނޑުވަތަށް އޮވެ ނިދުމުގެ ސަބަބުން ގަދަވެގެން ދާނޭ ކަމަށްވެސް ދިރާސާވެރިން ދެކިލައްވައެވެ. ހާއްސަކޮށް ބުރަކައްޓާ ބޮނބިފަޅި އަދި ކަނދުރާގެ ތަދުތަކެވެ.

އިންސާނާގެ ހަށިގަނޑުގެ ހުރިހާ ހިއްސީ ނާރުތަކެެއް ސިކުނޑިއާއި ގުޅެނީ މައިބަދައިގެ ތެރެއިންނެވެ. މައިބަދައަކީ އެތަނެއްގެ ތެރޭގައި ހިއްސީ ނާރުތައް ތަރުތީބުވެފައިވާ ގުނަވަނެވެ. އިންސާނާގެ ހަށިގަނޑުގެ ފުރަގަހަށްވާ ގޮތަށް މައިބަދަ އިންނަ އިރު، ބަނޑުވަތަށް އޮވެ ނިދާނަމަ، މައިބަދައަށް އަރާމެއް ނުލިބޭނެއެވެ. އެހެނީ މައިބަދަ ހަމައަށް ޖެހިލައިފާ ނޯންނާތީއެވެ. ބަނޑުވަތަށް އޮވެ ނިދާނަމަ، މައިބަދައިގެ މައްސަލަތައް ޖެހުން އަވަސްވެ ފަސޭހަވެއެވެ. ބަދަ އަރާރުން ވުމާއި، ބަދަ ބޭރަށް ނުކުތުމާއި ބަދައިގެ ޖާގަ ކުޑަވުމާއި، ދެ ބަދަ ދޭތެރޭގައިވާ މަޑު ގުނަން ދުޅަވުންފަދަ ކަންކަމަކީ ބަންޑުން އޮވެ ނިދާމީހުންނަށް ފަސޭހަކަމާއިއެކު މެދުވެރިވެދާނޭ މައްސަލަތަކެކެވެ.

މީގެ އިތުރުން ބަނޑުވަތަށް އޮވެ ނިދާނަމަ، ފުއްޕާމެއަށް ކުރާ ބާރު ބޮޑުވެއެވެ. އެހެނީ ނޭވާލާއިރު، އުފެލެނީ މޭގެ މަސްތައް ނުވަތަ ބަނޑުގެ މަސްތައް ކަމުގައި ވާއިރު، ބަނޑުވަތަށް އޮތުމުން، އެ ދެ ހިސާބުގެ މަސްތައް އުފުލުމުގެ ޖާހަ ކުޑަވެއެވެ. އެހެންކަމުން މުޅި ހަށިގަނޑުގެ ބަރުދަން، ނޭވާލާއިރު، ފުއްޕާމޭ ފުފުމުގައި އުފުލަން ޖެހެއެވެ. މިއީ ފުއްޕާމެއަށް ކުރާ ބާރު ބޮޑުވެގެންދާ ކަމެކެވެ.

ބަނޑުން އޮވެ ނިދާނަމަ، މޫނުވެސް އޮންނާނީ ވަތަށެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ކަރުންމަތީގެ ގުނަންތަކުގެ ހަތާތަކުގެ ބޭރުގައި ހުންނަ ފެނުގެ މާއްދަަތައް މޫނުމައްޗަށް ޖަމާވުމެވެ. އޭރުން މޫނު ފޮއްސިވުމާއި ދުޅަވުންފަދަ ކަންކަން މެދުވެރިވެއެވެ. އަދި މޫނު ތަނެއްގައި ބާރަށް ޖެހިފައި ނުވަތަ އޮބިފައި އޮންނަ ނަމަ، މޫނުގެ ހަންގަނޑަށް ފަސޭހަކަމާއި އެކު ރޫ ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ކަންމިހެން ހުރުމާއި އެކު، އިސްލާމް ދީނުގައި ބަނޑުވަތަށް އޮވެ ނުނިދުމަށް ބާރުއަޅުއްވާފައިވާ ސަބަބު ސާފު ވެއްޖެ ނޫންތޯއެވެ! ސިއްހީގޮތުންވެސް މިއީ ރަނގަޅު އާދައެއް ނޫނެވެ. ބަނޑުން ނުވަތަ ބަނޑުވަތަށް އޮވެ ނިދުމަކީ އެކަމުގެ ސަބަބު ސިއްހީ އެތައް މައްސަލައެއްވެސް ކުރިމަތިވެދާނޭ ކަމެކެވެ. އެހެންކަމުން އަރާމު ނިންޖަކަށާއި ދުޅަހެޔޮ ހަށިގަނޑަކަށް އެދޭމީހާ، ބަނޑުވަތަށް އޮވެ ނުނިދާށެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!