ގިނައިން ފެން ބުއިމަކީ ގިނަގިނައިން ’ހީސް‘ ލެވޭ ކަމެއް!
ދެންމެ | 13 ޖުލައި 2023

ހުމަކީ އޭގެ ޠަބީއަތުގައި ބައްޔެއް ނޫނެވެ. ނަމަވެސް އެއީ ކޮންމެވެސް ސަބަަބަކާއި ހުރެ ފެންނަ އަލާމާތެކެވެ. އާއްމުގޮތެއްގައި އަހަރެމެންގެ ތެރޭގައި އުޅޭ ވައިރަލް ހުންތަކަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެވެސް ކަހަލަ ޖަރާސީމެއް ފަދައެއްޗެއްގެ އަސަރު ކުރުމާއި އެކު އެ ޖަރާސީމަކާއި ދެކޮޅަށް އިންސާނާގެ ހަށިގަނޑުގެ ހަތާތަކުން ކުރާ ހަނގުރާމައިގެ ސަބަބުން ދިމައިވާ ކަމެކެކެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ އެއްބައެވެ.

ހުމެއް އަދި އައުމަކީ މާ ބޮޑަށް ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ހުން އައި ނަމަ އެއިން ދޭހަކޮށްދެނީ އެމީހެއްގެ ހަށިގަނޑުގައި ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ހުރިކަމެވެ.

ހުމަށް އޮތް އެއްމެ މޮޅު އަދި އެއްމެ މުޖައްރިބު ފަރުވާ އަކީ ގިނައިން ދިޔާތަކެތި ބުއިމެވެ. ޑަކްޓަރަކަށް ދެއްކިޔަސް، ޑަކްޓަރު ދޭ ލަފާ އަކީވެސް އެއީއެވެ. ހުން އައިސްގެން އެނދުމަތި ކުރެވިފައިވާ މީހާ، އައިވީއެއް ގުޅާފައި އޮތެއްކަމަކު، ޑަކްޓަރުންނާއި ނަރުހުން އަބަދުވެސް ބާރު އަޅަނީ ގިނައިން ދިޔާތަކެތި ބުއިމަށެވެ. ހާއްސަކޮށް ފެނެވެ. ފެނުގެ ތެރެއިންވެސް ހާއްސަކޮށް ކުރުނބާ ފެނެވެ.

ސުވާލަކީ ހުން މައިރިކުރަން ފެން ބޯން މި ޖެހެނީ ކީއްވެތޯއެވެ؟ ހުން އައިސްފައިވާ ހާލު ގިނަގިނައިން ފެން ބޯން ޖެހޭ ސަބަބުތަކަކީ ދިފާއީ ނިޒާމަށް ހިތްވަރުދީ ދިފާއީ ނިޒާމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެހީތެރިވުމާއި ހަށިގަނޑުގެ ހަތާތަކުގެ ތެރޭގައި ފެން ހިފަހައްޓައިދިނުމަށް އެހީތެރިވުމާއި އަދި ހަށިގަނޑުން ފެންދަމައިގަތުމުން ދުރުކޮށްދިނުމާއި ގެއްލިދާ ފެނުގެ ބައި އިއާދަ ކުރުމަށެވެ.

ފެނުގެ ސަބަބުން ދިފާއީ ނިޒާމު ހަރުދަނާ ވެގެންދާ ގޮތަކީ ލޭގެ ތެރޭގައި ހުންނަ ފެނުގެ ބައި ގިނަ ނަމަ، ލޭގެ ތެރޭގައި ހުދުލޭ ހަތާތައް ލޭގެ ތެރޭގައި އަވަހަށް ދަތުރުކުރެއެވެ. މިގޮތަށް މި ހަތާތައް އަވަހަށް ދަތުރުކުރާނަމަ، ޖަރާސީމުތައް ނެތިކޮށްލަން ހުދުލޭހަތާތަކަށް ފަސޭހަވެގެންދެއެވެ. ކަންމިހެން ހުރުމާއި އެކު ގިނަގިނައިން ފެން ނުވަތަ ދިޔާއެއްޗެހި ބޯނަމަ، ހަށިގަނޑުގައި އެ ހުންނަ ޖަރާސީމުތަކުގެ ބާރު އަވަހަށް ކަނޑާލާ، ހުން މައިތިރިވުމަށް އެހީތެރިވެދޭނެއެވެ.

ހީމޯސްޓޭސިސް ނަމަކަށް ކިޔާ މަރުހަލާއެއް ހަށިގަނޑުގައި ހިނގައެވެ. އެއީ ހަތާތަކުގެ ތެރެއަށް ފެން ވަނުމާއި ނުކުތުމުގެ މަރުހަލާއެކެވެ. ހުން އައިސް ހުން ގަދަވާނަމަ، ހަތާތަކުގެ ތެރޭގައި ހުންނަ ފެންތައް ހަތާތަކުން ބޭރަށް ދަމައިގަނެއެވެ. އެހެން ވުމުން ހަތާތަކުގެ ”ހާލުދެރަވެއެވެ“. ހުން އައުމާއި އެކު ވަރުބަލިކަން އިހުސާސްކުރަން ޖެހެނީ މި ސަބަބާއި ކުރެކަމަށް ބައެއް ދިރާސާވެރިން ފާހަގަ ކުރެއެވެ. އެހެންކަމުން އެ ހަތާތަކުގެ ”ހާލު“ ވަރުގަދަކޮށް މީހާގެ ހަށިގަނޑުގައި ހަކަތަ ޖައްސައިދިނުމަށްވެސް، ހުން އައިސްފައިވާ ހާލުގައި ފެން ބުއިން ގިނަ ކުރާށެވެ.

ހުން އައުމާއި އެކު ނުވަތަ ހުން ގަދަވުމާއި އެކު، ބައެއްމީހުންނަށް ހޮޑުލެވޭ ގޮތް ވެއެވެ. އަނެއްބަޔަކު ބޭރަންހިނގައެވެ. ބައެއްފަހަރު ބައެއްމީހުން ދާވެސް ހިއްލައެވެ. މިހުންނަނީ ހަށިގަނޑުން ފެން ބޭރުވެދާ ހާލަތްތަކެވެ. އެހެންކަމުން މި ހާލަތްތަކުގައި ބޭރުވެދާ ފެން، ހަށިގަނޑަށް އަނބުރާ ހޯދައިދިނުމަށްޓަކައި ގިނަގިނައިން ދިޔާއެއްޗެހި ބޯން ޖެހެއެވެ. ލޭގެ ތެރޭގައި ހުންނަ ފެނުގެ މިންވަރު އިތުރުކޮށްދޭން ޖެހެއެވެ. އެހާރުން ދިފާއީ ނިޒާމު ހަރުދަނާވެ، އޭގެ މަސައްކަތް އަވަސްވެ، ހަތާތަކުގެ ”ހާލު“ ރަނގަޅުކޮށްދީ ހުންގަނޑު މައިތިރިވުމަށް އެހީތެރިވެދެއެވެ.

ދަންނައެވެ! އަދި މިނޫނަސް އެހެން ސަބަބުތައް ވެއެވެ! މި ލިޔުމުގައި މި ބަލައިލީ މައިގަނޑުގޮތެއްގައި އެއްމެ އާއްމު ސަބަބުތަކަށެވެ. ހުން އައުމުން ގިނައިން ފެން ބުއިން ނުވަތަ ހައިޑްރޭޓް ވުން މިހިއްމުވާ އެއްމެ އާއްމު ސަބަބުތަކަކީ މިއީއެވެ. ކަންމިހެން ހުރުމާއި އެކު، ހުން އައުމާއެކު، ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރާށެވެ. ގިނައިން ފެންބޯށެވެ. ލޮނުޕަކެޓް ފެން ބޯށެވެ! ހާއްސަކޮށް ކުރުނބާފެން ބޯށެވެ! މާތް ﷲ ގެ ވާގިފުޅާއި އެކު ހުންގަނޑު މައިތިރިވުން އަވަސްވެދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!