އެމްޑީޕީ ރޫޅާލާނަން: ރައީސް ނަސީދު
ދެންމެ | 13 ޖުލައި 2023

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ’ރޫޅާލާނެ‘ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ”ދަ ޑިމޮކްރެޓްސް“އަށް ސޮއިކުރެއްވުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވީ ވަރަށް ހިތްދަތިކަމާ އެކު ކަމަށެވެ.

”ޕާޓީ ދޫކޮށްލީ ވަރަށް ހިތްދަތިކަމާ އެކު. އެހެންނަމަވެސް ވަކި ފިކުރެއް ދިރުވުމަށް އެ ޕާޓީ ވެސް ދޫކޮށްލަންޖެހުނީ“ ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ފިކުރު ދިރުވުމަށްޓަަކައި ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީއިން ވާދަކޮށް އެމްޑީޕީ ރޫޅާލާނެ ކަމަށެވެ.

”ކުރިއަށް އޮތް ތަނުގައި އެމްޑީޕީ އެއްކޮށް ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން!“ ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްޑީޕީގައި ނަޝީދު ހިންގެވި ”ފިކުރެއްގެ ދިރުން“ ގޮތްޕަށް އޭރު ތާއީދު ކުރެއްވި މެންބަރުންނެވެ. އެ ޕާޓީ އުފެއްދުމަށްޓަކައި ނަޝީދަށް ތާއިދު ކުރައްވާ ގިނަ މެންބަރުންތަކެއް މިދިޔަ މެއި މަހު އެއް ފަހަރާ އެމްޑީޕީން ވަކިވިއެވެ.

ނަމަވެސް އެމްޑީޕީގެ ކޮންޓްރޯލް ހޯއްދަވާނެ ކަމަށް ވިދާޅުވެ ނަޝީދު އެ ޕާޓީގައި މަޑުކުރެއްވިއެވެ. އެއަށް ފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހު ނަޝީދު ވަނީ އެ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޕާޓީން ވަކިވެވަޑައިގެންފައެވެ.

މިހާރު ޑިމޮކްރެޓްސްއިން އަތޮޅު ތެރޭގައާއި މާލޭގައި ސިޔާސީ ހަރަކާތް ހިންގަމުން އަންނައިރު ސަރުކާރު ބަދަލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްއިން އަންނަނީ އިދިކޮޅު ޕީޕީއެމާ އެކު މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!