އާރުޑީސީގެ ހިޔާނާތް: 13 މިލިޔަން ވައްދާފައި ވަނީ މެނޭޖަރެއްގެ އެކައުންޓައް: ފުލުހުން
ދެންމެ | 15 ޖުލައި 2023

އާރުޑީސީގެ 13 މިލިޔަން ރުފިޔާއަށް ހިޔާނާތްތެރިވެފައި ވަނީ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ މިހާތަނަށް ފުލުހުން ބެލިބެލުމުން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ކަމަށާއި، އެއަށް ފަހު، އެ އެކައުންޓުން އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވާފައިވާކަން ފާހަގަވެފައި ހުރުމުން މިހާރު ތަހުގީގުކުރަމުން ދަނީ އެއީ ކޮން ބޭނުމަކު ކޮށްފައި ހުރި މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.

”މިހާރު ބަލަމުންދާ މައްސަލައިގައި އަދި ވަކި މީހެއްގެ މައްޗަށް ތުހުމަތެއް ނުކުރެވޭ،“ ޔޫނުސް ވިދާޅުވި އެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްޑީ އަދި ސީއެފްއޯގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައުރުވަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކައެއް ކަމަށް އާރުޑީސީން ބުނެފައިވެ އެވެ.

އާރުޑީސީން ބަޔާނެއް ނެރުނީ އެ ކުންފުންޏާ ގުޅުން ހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

މައްސަލައިގެ އެއްވެސް ތަފުސީލެއް ފުލުހުން އޭރު ނުދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!