ތަކެތީގެ އަގެއް ބޮޑެއް ނުވޭ: ރައީސް އިބުރޭ
ދެންމެ | 15 ޖުލައި 2023

ވާދަވެރިން ކިތަންމެ އަޑަށް ބާރު ލާފައި ތަކެތީގެ އަގު އުފުލޭ ކަމަށް ބުނި ނަމަވެސް ތަކެތީގެ އަގު މިހާރު ކުރިއަށް ވުރެ ވެސް ދަށް ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މ. އަތޮޅުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މ.މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް ވިދާޅުވީ މުޅި ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލިތަނާ ހުއްޓުންތަކެއް އައިނަމަވެސް އިގްތިސޯދު އެންމެ ބާރަށް ކުރި އަރާ 10 ގައުމު ތެރޭގައި ރާއްޖެ މިހާރު ހިމެނިފައިވާ ކަމަށެވެ.

”މުޅި އިގްތިސޯދު ހުއްޓުމަކަށް އައި، އެ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީގެ 14 ބިލިއަން ރުފިޔާ ނުލިބި ދިޔަ، ފައިސާ ހޯދަން ޖެހުނު، އެހެންނަމަވެސް އެ ދުވަހު އެ ނެގި ފިޔަވަޅާއެކު ބޯޑަރު ކްލޯސް ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ހުޅުވާލީ،“ ރައީސް އިބްރާހިމް ވިދާޅުވި އެވެ.

އެހެން ބައެއް ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދު އަޑި އަޅާނުލީ ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، ކޮވިޑަށް ފަހު ދެން ކުރިމަތިވި ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން ވެސް އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އައިސް އަގު ބޮޑުވެގެން ދިޔަކަމަށާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ބަޖެޓަށް ވުރެ އިތުރަށް ކޮންމެ މަހަކު ހޭދަކޮށްފައިވާނެ ކަމަށެވެ.

ބައެއް ކަންކަން ކުރިއަށް ގެންދިޔަ ގޮތުންނާއި އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން މަތިވާނެ ކަމަށް ބުނެ ވާދަވެރިން ގިނަ ވާހަކަތަކެއް ދެއްކިނަމަވެސް ފެންނަ އޮތީ އެއާ ތަފާތު މަންޒަރު ކަމަށް ރައީސް އިބްރާޙިމް ވިދާޅުވި އެވެ.

”ކިތަންމެ ބާރަށް ތަކެތީގެ ބޮޑު ވެޔޭ ބުނިޔަސް، އެމްއެމްއޭއިން ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ،“ ރައީސް އިބްރާހިމް ވިދާޅުވިއެވެ. ރައީސް އިބްރާހިމް އިތުރަށް ވިދާޅުވީ އޮޅުވާލަން ވާހަކަ ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް ޕްލޭނެއް އޮވެ ރޭވުންތެރިކަމާއެކު ކަންކަން ކުރުމުން އެ މަންޒަރު ފެންނާނެ ކަމަށެވެ. އަދި ދެން ފެންނަނީ 2018 އިން ފެށިގެން 2028 އަށް އިގްތިސޯދު ދެ ގުނަވެ އާމްދަނީ ދެ ގުނަވާތަން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މިހެން ވިދާޅުވި ނަމަވެސް މިސަރުކާރުން ޖީއެސްޓީ %6 އިން %8 ޕަސެންޓަށް ބޮޑު ކުރުމާއި ގުޅިގެން ތަކެތީގެ އަގު ދުވަހަކު ނުވާހާ ބޮޑު ވެފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ޑޮލަރު ލިބޭ ރޭޓް 17.80 އަށް އަރާފައިވާތީ ވިޔަފާރިވެރިން ގެންނަ މުދާ ބޮޑުއަގުގައި ވިއްކަން މަޖުބޫރުވީ މިސަރުކާރުގައެވެ.

ރައީސް އިބްރާހިމް ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިނަށް ރަށް ރަށަށް ވަޑައިގެން މިފަދަ އިތުރުފުޅުތައް ހައްދަވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ކެމްޕެއިނަށް ރަށްރަށަށް ކުރައްވަން ވައުދުވި ކަންކަން ދެވަނަ ދައުރެއްގައި ކުރެއްވުމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!