ފޯއްމުލަކު އަންހެންވެރިންނަށް އިސްގު ދޭނަން: ސަން ސިޔާމް
ދެންމެ | 01 އޯގަސްޓް 2023

ފުވައްމުލަކަކީ ރީތި ކަނބަލުން ގިނަ ރަށެއް ކަމަށާ، އެ ސިޓީއަށް ހުރިހާ ގޮތަކުން ވެސް އަޅާލާނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭނަށް ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ކޮވިޑްގެ ވަބާ ދުނިޔެއަށް ކުރިމަތިވެ، ރާއްޖެއަށްވެސް އޭގެ އަސަރު ކުރަން ފެށުމުން، ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކުން ބުނަމުން ދިޔައީ ”ތިމަންނަ މެންގެ ދުވަސް މި ދިޔައީ“ ކަމަށެވެ.

އެކަމަކު އެވަގުތު ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ، ހިކުމަތްތެރި، ވިސްނުން ތޫނު، އަދި އެހާމެ ރައްޔިތުންނަށް އޯގާތެރި ވެރިއެއް. އެދުވަހު، އެމަނިކުފާނު، އަޅުގަނޑުމެން ގެންދަވާފައި ވިދާޅުވީ، ތިމަންނަ އިރާދަކުރެއްވިޔާ ތި ވިޔަފާރިތައް ހަލާކުވެ، މީހުން ބަނޑަށް ޖެހި، މީހުންނަށް ނޫޅެވޭވަރު ވެގެން ދިޔަ ނުދޭނަމޭ. އިރާދަކުރެއްވިޔާ ތިމަންނަ ލާރި ކުރިވަރަކުން ހޯދައިގެން ތި ވިޔަފާރި ތަކާއި، އަދި ކަލޭމެންގެ މުވައްޒަފުންނާ، އަދި ކަލޭމެންގެ ކައިރީގައި ތިބޭ، ބޭރުގެ މުވައްޒަފުންނާ އެންމެނަށް މުސާރަދޭ ވަރު ތިމަންނަ ކޮށްދޭނަމޭ. ޝުކުރިއްޔާ ރައީސް.

މިއާއެކު ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫން ކަމަށާ، މަސްވެރިންވެސް މަހަށް ފޮނުވަނީ އެ ދާއިރާއިން ލިބޭ ފައިސާއިން ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަންވެސް މިއަދާއި ހަމައަށް ދެމިއޮތީ ކޮވިޑުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ހިތްވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

”އެހެން ނޫން ނަމަ، މިއަދު ފަތުރުވެރިކަމެއް ނޯންނާނެ“ ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، ފުވައްމުލަކަކީ ”ޑެސްޓިނޭޝަން“ އަކަށް ހަދައި ދެއްވުނަށް އެ ރަށުގެ ރައްޔިތުން އެދެމުން އަންނަ ކަމަށާ، އެކަން އެ ސިޓީއަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ޞާލިހު ދެއްވާފައިވާ ކަމަށެވެ.

އެގޮތުން ބޮޑެތި ފުލައިޓްތައް އެ ރަށުގެ އެއާޕޯޓަށް ޖައްސާނެ ކަމަށާ، ކުރިއަށް އޮތް ތަނުގައި، ފުވައްމުލަކަކީ ރާއްޖޭގައި އޮންނަ އިތުރު ޑެސްޓިނޭޝަން އެއްގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

”އޭގެ ސަބަބުން ފުވައްމުލަކު ވެގެން ދާނީ ވިދާލާ ގައުމަކަށް. ވިދާލާ ރަށަކަށް. މިގައުމުގައި އޮތް ވިދާލާ ރަށަކަށް. އިރާދަކުރެއްވިޔާ ފުވައްމުލަކު ޒުވާނުން ތިބޭނުންވާ ފުވައްމުލަކު އަޅުގަނޑުމެން ހޯދައި ދޭނަން. “

މިއާއެކު ސިޔާމް ވިދާޅުވީ ފުވައްމުލަކަކީ މަސައްކަތްތެރި, ހީވާގި، އަދި އަޚުލާގު ރަނގަޅު ޒުވާނުން އުޅޭ ރަށެއް ކަމަށެވެ. އަދި އެރަށަކީ އަންހެން ކަނބަލުން ރީތި ރަށެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!