މެމްބަރު ސިޔާމާއި ގައްސާނުގެ އިތުރުން ސައީދު ވެސް ކުށުގެ ރިކޯޑް ސާފް ކުރަން ފަށައިފި
ދެންމެ | 03 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތެއްގައި ޕީއެންސީން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއް ދެއްކުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާތީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ކުށުގެ ރިކޯޑު ސާފު ކުރައްވަން ފައްޓަވައިފިއެވެ.

 

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ސެނެޓުންނެވެ. އަދި ރައީސް ޔާމީނަށް ޓިކެޓު ދީފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވި ބޮޑު ޖަލްސާއެއްގައެވެ.

 

ރިޔާސީ ޓިކެޓު ދީފައި ވަނިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

 

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވި ނަމަވެސް އެ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ.

 

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރައީސް ޔާމިނަކީ މިވަގުތު ވެސް ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވުމުން އެމަނިކުފާނަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު ދުވަހުގެ) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

 

އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

 

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

 

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.

 

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ބޭފުޅަކު ހަމަޖެއްސުމަށް ނަންތަކެއް ފޮނުވުމަށް އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން އަންގަވައިފައެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު ވެސް ޕީޕީއެމް/ޕީއެންސީން ނިންމީ އެކަމުގައި ޔާމީން ގޮތެއް ނިންމެވުމަށެވެ.

 

އެކަމަކު، ޕީއެންސީގެ ސެނެޓުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފައެވެ. އަދި އެކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން މިއަދު 10 ޖަހާއިރު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވޭ އިރު، ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުންނެވި ބައެއް ބޭފުޅުން ވަނީ ކުށުގެ ރިކޯޑު ސާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރަނިންމޭޓު ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!