އަތުގައި އޮތް އެއްޗައް ބަލާށެވެ!
ދެންމެ | 03 އޯގަސްޓް 2023

އިންސާނާ ދުނިޔާގައި އުޅޭ އިރު، އަބަދުވެސް ފެންނާނީ ނުލިބޭ އެއްޗެއްސެވެ. ލިބޭ އެއްވެސް އެއްޗެއް ފެންނަ ކަމަކަށް ނުވާނެއެވެ. އެއީ އިންސާނާގެ ޠަބީއަތެވެ. އެއީ އިންސާނެއްގެ ޠަބީއަތެއް ނަމަވެސް އެކަމުގައި އިންސާނާގެ ވިސްނުން އިސްކޮށް ބުއްދީގެ ބޭނުން ކުރަން ޖެހޭނެއެވެ. ދުނިޔެ ތަރައްގީވެ ތަހުޒީބު ތަނަކަށް ވެވޭނީ މިފަދައިން ބުއްދި އިސްކޮށް ވިސްނުން ހަރުދަނާކޮށްގެނެނެވެ.

ދުނިޔޭގެ ބޮޑެތި އަދި ކުދި ދައުލަތްތަކުންވެސް އެ ދައުލަތްތަކުގެ ބެލުމުގެދަށުގައި ތިބޭ ރައްޔިތުންނަށް އެތައް ހިދުމަތަކާއި އެތައް ލުއިފަސޭހައެއް ފޯރުކޮށްދޭނެއެވެ. ކަން އޮތީ މިހެންނެވެ.

ނަމަވެސް އެ ލިބޭ ލުޔަކާއި، އެ ލިބޭ ހިދުމަތްތައް ލިބި، އެ ލުޔަށާއި ހިދުމަތައް އަހުލުވެރިވެ، ހޭނި ދަސްވެ، ފަރިތަވުމުން އެ ހިދުމަތްތަކަކީ ބަޔަކު ތިމަންނާމެންނަށް ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމުގައި ނުދެކެވެއެވެ. އެފަދައިން ކޮންމެ ގައުމެއްގައިވެސް މިފަދަ އެތައް ހިދުމަތްތަކެއް އެ ގައުމެއްގެ ރައްޔިތުންނަށް ލިބިދޭއިރު، ރައްޔިތުންގެ ފަރާތުން އަގުވަޒަންކުރުމުގެ ބަދަލުގައި ގިނަފަހަރަށް ފެންނަނީ، ކޮންމެވެސް ޝަކުވާއެއް ކުރެވި، ބަހަނާއެއް ދެއްކޭތަނެވެ.

ދަންނަވަންތޯއެވެ! ކަންކަން ވަމުންދާކަން އަހަރެމެންނަށް އިހުސާސް ކުރަން އުނދަގޫވެއެވެ. ނަމަވެސް ކަމެއް ނުވެ ހިނގައިދާ ހަމަ ކޮންމެ ފަހަރަކު އަހަރެމެންނަށް އެ ވާހަކަތައް ދެއްކެއެވެ.

މިސާލަކަށް ކޮންމެވެސް ކަމެއް ދައުލަތަކުން ހިލޭ، އެ ގައުމެއްގެ ރައްޔިތުންނަށް ކޮށްދެމުންދާއިރު، އެ ކޮށްދޭ ކަމެއްގައި ކުޑަ ނަމަވެސް އަގެއް ދައްކަން ޖެހިއްޖެނަމަ، އެއީ ދެން ވަރަށްވެސް ބޮޑު ކަމެކެވެ. ބޮޑު ބައެއް ހިލޭ ލިބިދޭ އިރުގައިވެސް ޝަކުވާ ކުރެވެނީ ކުޑަ ނަމަވެސް ބައެއް، އަތުން ދައްކަން ޖެހޭތީއެވެ. ހިލޭ ލިބިދޭ ބައި ބޮޑު ކަމުގައިވިޔަސް ހަމަ ޝަކުވާ ކުރެވެއެވެ. ހެޔޮނުވާނެއެވެ! އެހެން ނުހަދާށެވެ! ލިބޭ އެއްޗެއްވެސް ފެންނާށެވެ! އަބަދު ނުލިބޭ އެއްޗެހީގެ ވާހަކަ ނުދައްކާށެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!