ނުއަގުގައި ވޯޓު ނުވިއްކާ!
ދެންމެ | 02 ސެޕްޓެމްބަރ 2023

ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. ދިވެހި ގައުމުގެ ވެރިކަމުގައި ކުރިއަށް އޮތް 5 އަހަރު ހުންނާނެ ވެރިޔަކު އައްޔަނު ކުރާ ބޮޑު އިންތިހާބެކެވެ. ޖުމުލަ އަށް ކެނޑިޑޭޓުން ވާދަކުރާ މާސިންގާ ބޮޑު އިންތިހާބެކެވެ. އެ އިންތިހާބަކަށްޓަކައި މުޅި ގައުމު ކެތްމަދުވެފައިވާ އިންތިހާބެކެވެ. އިންތިހާބާއި ދިމާކޮށް ތަފާތު އެކި ވާހަކަތައް ތަފާތު ތަންތަނުގައި ތަފާތު ގޮތްގޮތަށް ދެއްކޭނެއެވެ. މީގެ ތެރެއިން ޒުވާނުންގެ ގިނަ ބަޔަކު، މީސްމީޑިޔާގައި މި ދައްކަނީ ލާރީގެ ވާހަކައެވެ. ވޯޓު ދޭނީ ލާރި ދިން މީހަކަށޭ ބުނާ ވާހަކައެވެ. އަގު ޖަހާލާފާ ރީތި ޕޯސްޓްތައް ހިއްސާކުރެއެވެ. މީހަކު ވޯޓެއް ހޯދަން ގުޅައިފި ނަމަ، އަގު ބުނެލައެވެ.

 

ޒުވާނުންނޭވެ! މިއީ އާދައިގެ ކަމެއް ނޫނެވެ. ދެކެވެނީ އާދައިގެ ވާހަކައެއް ނޫނެވެ. ފަހަރުގައި ކަމުގެ ޠަބީއަތުން މަޖާ ކަމަކަށް މިކަން ވެދާނެއެވެ. ނަމަވެސް މިއީ އެއަށް ވުރެ ބިރުވެރި ކަމެކެވެ. އެނގޭހެއްޔެވެ؟ ވޯޓަކީ އަމާނާތެކެވެ. އެއީ ހައްގެއް ނޫނެވެ. ހައްގަކަށް ވަނީ ވޯޓު ލުމުގެ ހައްގެވެ. ގައުމު ތިބާ އާއި ހަވާލުކޮށްފައިވާ ވޯޓުގެ އަމާނާތަށް ހިޔާނާތްތެރިވުމުގެ ޝައުގުގައި ތިބި އެތައް ބަޔަކު އެބަ ފެނެއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

 

އަމާނަތަކީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ ނޫނީ ފާޅުގައި އެކަމަށް ގޮންޖަހަނީ ހެއްޔެވެ؟ ވިސްނާށެވެ! އަމާނާތަކީ އެއާއި މެދު ސުވާލު ވެވޭނެ އެއްޗެކެވެ. މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެއްވެސް އަމާނާތަކަށް ހިޔާނާތްތެރި ނުވާށެވެ. ހިޔާނާތްތެރި ކަމުގެ ބަދަލު ދުނިޔެމަތީގައިވެސް އަހަރެމެންނަށް ތަޖުރިބާ ކުރަން ޖެހިދާނެއެވެ.

 

އިންތިހާބުތަކާއި ދިމާކޮށް، ވޯޓުލާން އެދި ދެވޭ ފައިސާގައި ހިފުމަކީ ކަނޑައެޅިގެން ރިޝްވަތު ކަމުގައި ދީނީ ޢިލްމުވެރިން ފާހަގަ ކުރެއެވެ. ރިޝްވަތު ދިނުމާއި އޭގައި ހިފުމަކީ ކަނޑައެޅިގެން ހަރާމް ކަމެކެވެ. މިކަންކަން އަހަރެމެންނަށް އެނގެއެވެ. ނަމަވެސް ދުނިޔޭގެ އެދުންވެރިކަން ބޮޑުކަމުން އާޚިރަތް މަތިން ހަނދާން ނައްތާލައެވެ. އަނެއްބަޔަކު ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމުގެ ގޮތުން ވޯޓު ވިއްކާނެ އަގުތައް ބުނެލައެވެ. އުޅުމެއްގެ ގޮތުން މިއީ ބޮޑާވެރި ކިބުރުވެރި އަދި މުޑުދާރު އުޅުމެކެވެ.

 

އެނގޭހެއްޔެވެ؟ އެއްމެ ވޯޓެއްގެ އަގަކީ ކިހާވަރެއް ހެއްޔެވެ؟ އަގުމަގުކޮށް އަގުޖަހާ، އަގު ކިޔާތީ އަހާލަމެވެ. ތިޔަ ޖަހާފާ ހުންނަ އަގުތަކާއި ތިޔަ ބުނާ އަގުތަކަކީ ވޯޓެއްގެ އަސްލު އަގެއް ނޫނެވެ. އެއަށްވުރެ އެ ވޯޓުގެ އަގު މާޑެވެ. އެހެނީ އެއީ އަމާނާތަކަށް ވާތީއެވެ. ލައްކައިން މިލިޔަނުން ކިޔަސް، އެއްމެ ވޯޓެއްގެ ހަގީގީ އަގު އެއަށްވުރެ މާ ބޮޑުވާނެއެވެ. ނުވިސްނާ ބަޔަކަށް ނުވަތަ ނުވިސްނޭ ބަޔަކަށް ނޭނގޭނެއެވެ.

 

ޒުވާނުންނޭވެ! ނުއަގުގައި ތިޔަ ވޯޓުތައް ވިއްކާނުލާށެވެ! އަމިއްލަ މީހާގެ ތަނަވަސް ހިޔާލާ، ތިޔަ ހަކަތަ ހުރި ފުރިހަމަ ހަށިގަނޑުގެ އަގު އެހާ ކުޑަ ނުކޮށްލާށެވެ! އަމިއްލައަށް ތިމާގެ އަގު ވައްޓާނުލާށެވެ! ހަގީގަތުގައިވެސް ވޯޓު ވިއްކަން މަސައްކަތްކުރާ މީހާއީ އެއްވެސް އަގެއްނެތް މީހެކެވެ. މިކަން ސިޔާސީ ކަންކަމުގައި އުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް ސާފުވާނެއެވެ. އަދި އެބައިމީހުން އެފަދަ މީހުންނަށް މަލާމާތްކޮށް ޖޯކުވެސް ޖަހާނެއެވެ!

 

ހެޔޮނުވާނެއެވެ! ގައުމު ތިމާއާއި ހަވާލުކުރި، ވޯޓުގެ އަމާނާތައް ހިޔާނާތްތެރިނުވާށެވެ. ތެދުވެރި ހިތަކުން، އިހްލާސްތެރި ނިޔަތަކާއި އެކު، ލޮލުން ފެންނަ މަންޒަރުތަކާއި އަތުން ހިފޭ ކަންކަމުގެ މައްޗަށް ތިޔަ ތަނަވަސް ވިސްނުމާ ހިޔާލު އިސްކޮށް، ބުއްދީގެ ބޭނުންކޮށް، ގައުމަށް އެއްމެ ފައިދާހުރި ގޮތަކަށް ތިމާގެ ނިންމުން ނިންމާށެވެ! ނުއަގުގައި ވޯޓު ވިއްކާ، އަގެއްނެތް ބައެއްގެ ގޮތުގައި ލޭބަލް ނުވާށެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!