ވުޖޫދުގައި ނެތް ފުލެޓްތަކެއް ދޭނެ ބައެއް އިއުލާން ކޮށްފި
ދެންމެ | 08 އޯގަސްޓް 2023

ރައީސް އިބްރާހީމްގެ ސަރުކާރުން ހުޅުމާލެ ފޭސް 2 ގައި ބިނާކުރަން ހަމަޖެހިފައިވާ ފްލެޓުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމު ކުރުމުގެ ކުރިން ވަގުތީ ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ ދިރިއުޅުމުގެ ހާލަތާއި ގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށެވެ.

އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު ”ގެދޮރުވެރިން ޕޯޓަލް“ އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވާއިރު، ހުޅުމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫތަކުން އެޅުމަށް ނިންމާފައިވަނީ 4000 ފްލެޓެވެ. އެއީ 18 ބުރީގެ 32 ޓަވަރެވެ. އެތަނުގައި ހިމެނެނީ ދެ ކޮޓަރީގެ 1200 އެޕާޓްމެންޓާއި 3 ކޮޓަރީގެ 2800 އެޕާޓްމެންޓެވެ. އެތަންތަނުގެ މަސައްކަތްވެސް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދެއެވެ. މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ މުވައްޒަފުން ގިނަ ވަގުތު ތިބެނީ އެކި އެކި މައްސަލަތަކާއި ގުޅިގެން މުޒާހަރާ ކުރުމުގައެވެ.

ފްލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތުހަމަވާ މީހުންނެވެ. އެހެން ކަމުން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގައި ބުނެފައިވީނަމަވެސް އެކަން ނުކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!