ރައީސް އިބުރޭ 667 މިލިޔަން އަނެއްކާ ވެސް ޗާޕް ކޮށްފި
ދެންމެ | 09 އޯގަސްޓް 2023

ފާއިތުވި ޖުލައި މަހު ސަރުކާރުން 667 މިލިއަން ރުފިޔާ ޗާޕުކޮށްފިއެވެ.

މަރުކަޒީ ބެންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން 26 ޖޫން 2023 ގެ ނިޔަލަށް މި ސަރުކާރަށް ލޯނުގެ ގޮތުގައި މަރުކަޒީ ބޭންކުން ދީފައިވަނީ 479 މިލިއަން ރުފިޔާއެވެ. ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 1.1 ބިލިއަނަށް އިތުރުވެފައެވެ.

ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ އޮވަރޑްރޯ ކުރަމުންދަނީ ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން 1 އަހަރު ދުވަހަށް ފަސް ކުރުމަށް ފަހުގައެވެ. މިގޮތަށް އެންމެ ފުރަތަމަ ޤާނޫނު ސަސްޕެންޑުކުރީ 2020 ވަނަ އަހަރު ތެރޭގައެވެ. އެފަހުން އަނެއްކާ 2022 ގައިވެސް އެ ހުއްދަ ވަނީ 1 އަހަރަށް އިތުރުކޮށްފައެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ޗާޕުކުރި ފައިސާ 50 އަހަރު ތެރޭގައި އަނބުރާ ދައްކާ ބޮންޑަކަށް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.

ސަރުކާރުގެ ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރަމުން އަންނަ އިރު ރާއްޖޭގައި ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއީ ތާރީހުގައިވެސް ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑު ދުވަސްވަރެވެ.

މީގެ އިތުރުން އިޤްތިސާދު ތެރޭގައި ދައުރުވާ ފައިސާ އިތުރުވުމުގެ ސަބަބުން ޑޮލަރު ކަޅު ބާޒާރެއް އުފެދި މިހާރު ޑޮލަރު ލިބެނީ 17.10 ރުފިޔާއަށެވެ. ދައުލަތުގެ އިދާރާތަކަށް ވެސް ޒަރޫރީ ކަންކަމުގައި ބޭނުންވާ ޑޮލަރު ގަންނަން ޖެހެނީ އެރޭޓުގައެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވީނަމަވެސް ސަރުކާރުން ދަނީ ރާއްޖޭގެ އިޤްތިސާދު އޮތީ ވަރަށް ރަނގަޅަށް ކަމަށް ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!