ފްލެޓް ދޭނީ އަންނަ ދައުރުގައި ކަމަށް ބުނުމުން ނަސީދު ހިނިގަނޑު ފަޅައިގެން ގޮސްފި
ދެންމެ | 09 އޯގަސްޓް 2023
ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ދެވަނަ ދައުރެއް ދިނުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވާތީ އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މަލާމާތް ކުރައްވައި ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ވަނީ ނިންމާފަ އެވެ. އެކަމަކު ރައީސް ވިދާޅުވީ އެ ފްލެޓުތައް އަޅައި ހައްގުވެރިންނާ ހަވާލުކުރާނީ ދެވަނަ ދައުރެއް ލިބިގެން ކަމަށެވެ.
ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް އިން ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނީ ދެވަނަ ދައުރެއް ދިނުމުން ކަމަށް ރައީސް އިބްރާހީމް ވިދާޅުވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް އިބްރާހީމަށް ލިބުނު ދައުރުގައި ކަމެއް ނުކުރައްވައި، މަޝްރޫއުތައް ހިންގުމަށް ދެވަނަ ދައުރެއް ދެއްވަން ވިދާޅުވުމުން އެއީ ވަރަށް މަޖާ ވާހަކައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
”ރައީސްގެ ހަމައެކަނި މަސައްކަތަކީ އިތުރު ދައުރެއް ހޯދުން. ހަމައެކަނި ވިދާޅުވާ ވާހަކައަކީ ވެސް އިތުރު ދައުރެއްގެ ވާހަކަ. ތަރައްގީގެ މަޝްރޫއުތައް ގެންދާނީވެސް އިތުރު ދައުރެއް ދެއްވީމާ ކަމަށް މި ވިދާޅުވަނީ އެއީ އަދި އަޖައިބެއް. ލިބުނު ދައުރުގައި ކަމެއް ނުކުރައްވާފައި ދެން އަނެއްކާވެސް އިތުރު ދައުރެއް ދެއްވާށޭ ވިދާޅުވެ ވާހަކަދެއްކެވީމާ އެއީ ހުރިހާ އެންމެން ވެސް ހިނިއަންނާނެ ކަމެއް،“ ނަޝީދު ވިދާޅުވި އެވެ.
”ހަމަ ގައިމުވެސް އަޅުގަނޑު މިކަމުގައި ހިނި އާދޭ.“
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕާޓްމަންޓު ހިމެނޭހެން 4،000 ފްލެޓް ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލުމުން 20،600 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވެ އެވެ.
ދެވަނަ ދައުރެއް ހޯއްދެވުމަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން އިއްޔެ ގދ. ނަޑެއްލާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވެނީ ދެވަނަ ދައުރެއް ލިބިގެން ކަމަށެވެ.
”އެއިން [ޝަރުތު ހަމަވާ] ކޮންމެ މީހަކަށް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލޭ ފްލެޓް އަޅައިދީ، ހަވާލުކޮށްދޭނަން،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!