ގއ.ކޫއްޑޫ އާއި އެ އަތޮޅު ވެރިރަށް ވިލިނގިއްޔާ ބްރިޖަކުން ގުޅައިލަން ސަރުކާރުން ވައުދުވިތާ ހަތަރު އަހަރު ފަހުން، އެ މަޝްރޫއު ކުރިއަށް ގެންދިއުމާމެދު އަލުން ވިސްނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހަދަން ޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސާވޭ ހަދަން ސަރުކާރުން މިދިޔަ ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކުރި އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދަން އެ މަހު ވިލިނގިއްޔަށް ވަޑައިގެން ރައީސް ވަނީ ވައުދާ އެއްގޮތަށް ދެރަށް ގުޅާލުމުގެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގެ ފީސިބިލިޓީ ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ.
އެކަމަކު އެއީ ބުރަ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި، އެ މަޝްރޫއު ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ އަލުން ވިސްނެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ރޭ ރައްޔިރުންގެ ކިބައިން އެދިލެއްވި އެވެ.
”އަޅުގަނޑުމެން ވީ އެއް ވައުދު އެބަ އޮތް އަދިވެސް. ވިލިނގިލީގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް. އެއީ ކޫއްޑުއާ ވިލިނގިލި ބްރިޖުން ގުޅައިލުން. އެއަކަށް އަމަލީ ސިފައެއް ނާދޭ. ބުރަ ބޮޑު މަސައްކަތެއް އެއީ،“ ރައީސް ވިދާޅުވި އެވެ.
”އެކަމަކު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވައިލަން ބޭނުން ވަނީ އަދި ހިންގަވާށޭ މިއާ [ބްރިޖު މަޝްރޫއާ] ދޭތެރޭގައި ވިސްނައިލައްވަން. މިއަށް ވުރެ ރަނގަޅަށް، މުޅި ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ ޕްރޮޖެކްޓްތަކެއް، ޕްރޮޕޯސަލް ތަކެއް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އަޅުގަނޑު މީގައި ގޮތެއް ނިންމަން ގަސްދުކުރަނީ ތިޔަ ބޭފުޅުންނާ އަދި މަޝްވަރާކޮށްފައި.“
ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަދެއްވާނެ ކަމަށް 2018 ވަނަ އަހަރު ރައީސް ވައުދުވެވަޑައިގެންނެވުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ނުދާތީ ވިލިނގިލީ ކައުންސިލާއި ރައްޔިތުން ވެސް ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ދެ ރަށް ގުޅާލުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަމެކެވެ.