ކޮންމެ އެކުވެެރި އަކީ ރަހްމަތްތެރިއެއް ނޫން!
ދެންމެ | 14 އޯގަސްޓް 2023

އިސްލާމް ދީނަކީ އެކުވެރިކަމުގެ ދީނެކެވެ. އެއްބައިވަންތަ ހިތްހެޔޮ ދީނެކެވެ. ރަހުމް ކުރުމާއި އޯގާތެރިކަމުގެ ދީނެވެ. ގުޅުންތައް ހަރުދަނާކޮށް ބަދަހިކުރުމަށް ބާރުއަޅާ ދީނެކެވެ. އެކުވެރިންނަށް ރަހުމަތްތެރިކަމުގެ ގުޅުން ހަރުދަނާކުރުމަށް އިރުޝާދުދޭ ދީނެކެވެ. އިންސާނެއްގެ އުޅުމާއި ގުޅުން އަދި އޭނާގެ އަހުލާގު ބައްޓަން ވެގެން ދިއުމުގައި އޭނާގެ އެކުވެރިން އަދާކުރަނީ ވަރަށްވެސް މުހިއްމު ދައުރެކެވެ. އެހެންކަމުން އިސްލާމް ދީން ބާރުއަޅަނީ ހެޔޮލަފާ ޞާލިހު އެކުވެރިން އިހްތިޔާރު ކުރުމަށެވެ.

ކުރުކުރު ވާހަކައަކަށް ޖެހިލާނަމެވެ. އެއްދުވަހަކު މުދައްރިސަކު އޭނާގެ ދަރިވަރުންތަކަކާއި މުހާތަބުކޮށް ވާހަކަ ދައްކަމުން ބުންޏެވެ. ތިއިން ކޮންމެ ކުއްޖަކުވެސް ދުނިޔޭގައި އުޅި، ކަނޑައެޅިފައިވާ އުމުރެއް ފުރިހަމަކުރުމަށްފަހު، މާތް ﷲ ގެ ހަޟްރަތަށް އެނބުރި ދާނެއެވެ. އެއީ ކޮން އިރަކު ކޮން ހާލަތެއްގައި ކަމެއް ހަމަ އެކަކަށްވެސް ނޭނގޭނެއެވެ. ނަމަވެސް ތިއިން ކުއްޖަކަށް ދިމައިވާ ކޮންމެވެސް ނުރައްކާތެރި ހާދިސާއަކުން ތިއިން ކުއްޖެއްގެ ފުރާނައަށް ނުރައްކާވެފައިވާ ހާލު ތިކުތިންގެ އެކުވެރިން ތިކުދިންނާއި އެކުގައި އެބަތިއްބެވެ. އަނިޔާވެފައިވާ ތިޔަ ކުއްޖާ ފެނިފައި ތިބާގެ އެކުވެރިން އަވަސްވެ ގަންނަނީ އެންބިއުލަންސަކަށް ގުޅާށެވެ. ނުވަތަ ހޮސްޕިޓަލަކަށް ގުޅާށެވެ.

މިއީ އާއްމުކޮށް ކަންވާ ގޮތެވެ. ނަމަވެސް އެ އެކުވެރިންގެ ތެރެއިން ކޮންމެވެސް އެކަކި، ތިބާގެ ގާތައް އައިސް ޝަހާދަތުގެ ދެކަލިމަ ކިޔުމަށް އެދޭނެެެވެ. ތިބާގެ އެކުވެރިންގެ ތެރެއިން ހަމަ އެއްމެ މީހަކެވެ. އެއްބަޔަކު ތިބާ ދޫކޮށް ބިރުން ފިލައިފިއެވެ. އަނެއްބަޔަކު އެންބިއުލަންސަށް ގުޅަނީއެވެ. ތިބާގެ އަރިހު ޝަހާދަތުގެ ދެކަލިމަ ކިޔުމަށް އެ އެދުނީ ތިބާގެ ކޮން އެކުވެރިއެއް ހެއްޔެވެ؟

ތިޔަކުދިން ވިސްނާލަބާށެވެ. އެފަދަ ހާލަތެއްގައި ތިކުދިންގެ ކައިރިއަށް އައިސް ޝަހާދު ކިޔަން ހަނދާންކޮށްދޭނީ ތިކުދިންގެ ކޮން އެކުވެރިއެއް ހެއްޔެޗެ؟ ހިތަށް އައީ ކޮން އެކުވެރިއެއްގެ ނަމެއް ހެއްޔެވެ؟ ނުވަތަ ކޮން އެކުވެރީންތަކެއްގެ ނަމެއް ހެއްޔެވެ؟ ނުވަތަ އެއްވެސް އެކުވެރިއެއްގެ ނަން ހިތަށް ނާދޭ ހެޔްޔެވެ؟ ބުނާނަ ކަމެއް ނެތެވެ! ހިތުގައި ބާއްވާށެވެ!

އާދޭހެވެ! ދެން އެ މުދައްރިސް އެ ކުދިންނަށް ބުންޏެވެ! އެއްމެ އެކުވެރިއެއްގެ ނަން ހިތަށް އެރި ކުދިން، އެފަދަ އިތުރު އެކުވެރިން ހީދާށެވެ! އެކުވެރިންތަކެއްގެ ނަން ހިތަށް އެރި ކުދިން، އެ އެކުވެރިކަމުގެ ގުޅުން ތާ އުމުރު ދަމަހައްޓާށެވެ! އަދި އެއްވެސް އެކުވެރިއެއްގެ ނަން ހިތަށް ނޭރި ކުދިން ދަންނާށެވެ! ތިކުދިންގެ އެކުވެރިންތައް ދޫކޮށްލާށެވެ. ހެޔޮލަފާ ޞާލިހު ކުދިން ތިކުދިންގެ އެކުވެރިން ކަމުގައި ހަދާށެވެ!

މި ވާހަކައިން މުސްލިމުންނަށް ލިބިދޭ ފިލާވަޅަކީ، ނުވަތަ ޢިބުރަތަކީ އެކުވެރިކަމަކީ ހަމަ އެކަނި ދުނިޔަވީ ގުޅުމެއް ނޫންކަމެވެ. ތިބާގެ އެކުވެރިންނީ ހެޔޮލަފާ ޞާލިހު ބައެއްކަމުގައި ހަދައިފި ނަމަ އެއީ ދެދުނިޔޭގެ ބާއްޖަވެރިކަމާ އުފާވެރިކަމުގެ މަގެކެވެ. ނަމަވެސް ވިޔާނުދާ ގޯސް އެކުވެރިން އިހްތިޔާރުކޮށްފިނަަމަ އެއީ ދެދުނިޔޭގެ ހަލާކަށް ކޮށާލެވާ މަގެކެވެ. އެހެންކަމުން ކޮންމެ މުސްލިމެއްވެސް އެމީހެއްގެ އެކުވެރިން ގޮތުގައި އިހްތިޔާރު ކުރަންވާނީ ހެޔޮލަފާ ޞާލިހު އެކުވެރިންނެވެ. މާތް ﷲ އަޅަމެން އެންމެނަށް ހެޔޮލަފާ ޞާލިހު އެކުވެރިން ދެއްވާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!