ޕާޓީ އުފެއްދި އަސާސްތައް ދޫކޮށްލާފައިވާ ކަމަށްބުނެ, އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އެމްޑީޕީން ވަކިވެއްޖެއެވެ.
އިބުރާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމްޑީޕީ އާއި 2018 ވަނަ އަހަރު ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލްއިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެއް ގާއިމުކުރުމަށް ކަމަށެވެ.
އިބްރާ ވިދާޅުވީ މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބުގެ އޮފީހުގެ ސެކްޝަނަކަށް އެމްޑީޕީން ބަދަލުކޮށްފައިވާ ކަމަށާއި، ހައިކޯޓު ހިންގަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ޤާނޫނުގެ އިމުގެ ބޭރުން ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތައް ހިފަހައްޓަމުންދާއިރު، އެކަންކަން ދިފާއުކުރައްވަނީ ބަންޑާރަނައިބު ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
”ޕާޓީ އުފެއްދި އެންމެހައި އަސާސްތައް ދޫކޮށްލައި، ޕާޓީއަކީ ވެރިކަމާއި، ވެރިކަމުގެ ބާރު ހޯދާން އޮތް ވަސީލަތަކަށް ހަދައި ނިމުނު އިރު، ޮާޓީގެ އިސް ސަފުގައި، ބަސްކިޔާ ގޮތް ނިންމާން މިތިބީ، ޕާޓީ އުފެއްދިޔަ ނުދޭށާއި، ޕާޓީގެ ދުންފުނި ހަރުގެ ފުނޑުކޮށްލައި، އެކަން ދިފާއުކުރި މީހުނެވެ. މަޖިލިސް ތެރޭގައި، ޕާޓީގެ ނަމުގައި ހުރިހައި ބާރުވެރިކަމެއް މި ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެންތިބި، އޭރުގެ ޑީއާރްޕީގެ މެންބަރުންނެވެ.“ އިބްރާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގައި އޭނާ ބައިވެރިވީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދާކަށް ނޫނެވެ. އޭނާ ޕާޓީއެއްގައި ބައިވެރިވީ ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހި ކުރުމަށް ކަމުގައި އިބުރާ ވިދާޅުވިއެވެ.
އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޟަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުން ގެންދަވާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.