ފުރާޅާއި ތަޅުން ނެތް، ރާނާ ސިމެންތި ނުޖަހާ އަލިފުށީ ޓިވެޓް ސެންޓަރުގެ ކޯސްތަކަށް ހުޅުވާލައިފި
ދެންމެ | 14 އޯގަސްޓް 2023
ރ.އަލިފުށީގައި ތަރައްޤީކުރަމުން އަންނަ ޓިވެޓް ސެންޓަރުގެ އަމަލީ މަސައްކަތް ނުނިމެނީސް އެ ސެންޓަރުގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއާ ކޮލެޖުތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ރިޔާސީ ވައުދެއް ނަމަވެސް އަދި މިހާތަނަށް އެ މަސައްކަތް އެއްވެސް ރަށެއްގައި ނުނިމެއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި އެ ސެންޓަރުގައި ހިންގާ 10 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. ފައިބަރު ބޯޓު ބަނުމާއި، އޮފީސް ހިންގުމާއި އައިޓީ ދާއިރާއިން ސެޓްފިކެޓު ލެވެލް 3 އިން ފެށިގެން ގޮސް ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގަން އިއުލާނުކޮށްފައިވެއެވެ.

މި ކޯސްތަކުގައި އޮންލައިންކޮށް ކިޔެވޭނެކަމަށާއި، މިއީ ސަރުކާރުގެ އެހީގައި ހިންގާ ކޯސްތަކެއްކަމަށާއި، އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނެ ސުންގަނޑިއަކީ މި މަހުގެ 20 ވަނަ ދުވަސްކަމަށް ބުނެފައިވެއެވެ.

މި ކޯސްތަކުގެ ކިޔެވުން ފެށޭނީ އަންނަ ސެޕްޓެންބަރު މަހުގައިކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ހަދައިނުނިމޭ އެ މަރުކަޒުގައި އިތުރު ބައެއް ކޯސްތައް ހިންގާނެކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ،

އެގޮތުން އިންޖިނިއަރިން ދާއިރާއާއި މެރިން މެކޭނިކްސްއާއި އޮޓޮމޯޓިވް ރިޕެއާ އަދި ވެލްޑިންއާއި އެއާކޮންޑިޝަން މަރާމާތުކުރުން ފަދަ ދާއިރާތަކާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ހުނަރުތައް ދަސްކޮށްދޭ ކޯސްތައް މި އަހަރު ފަށާނެކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން މިފަދައިން ބުނި ނަމަވެސް ޓިވެޓު ސެންޓަރުގެ މަސައްކަތް މިހާތަނަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، އަންނަ ސެޕްޓެންބަރު މަހަށް އެ މަރުކަޒު އަޅައި ބޭނުންކުރެވޭ މިންވަރަށް ގެނެވިދާނެ ކަމުގައި ނުބެލެވެއެވެ.

ރިފޯޓް: ދިޔަރެސް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!