ރައީސް އިބުރޭއަށް އަގު ހެޔޮ ނުކުރެވުނު ޓިކެޓްގެ އަގު ހެޔޮ ކުރަން ނާޒިމް ވައުދު ވެއްޖެ
ދެންމެ | 16 އޯގަސްޓް 2023

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް އޭނާގެ ވެރިކަމެއްގައި 20 ޕަސެންޓް ހެޔޮ ކުރައްވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅުގެ އެއާޕޯޓް އޮންނަ ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ، މާލެ އިން ފުރައިގެން އެ ރަށަށް ދާން ޖެހެނީ ވަރަށް ބޮޑު ހޭދައެއް ކޮށްފައި ކަމަށާއި އެއީ ރައްޔިތުންނަށް ހައްގު ވަރު ނޫން ކަމަށެވެ.

”މި އަގުތަކަކީ އެންމެ އެކަށީގެންވާ އަގުތަކެއް ކަމެއް ގަބޫލެއް ނުކުރަން. ކުޑަހުވަދޫ މީހުންނަށް މާލޭން ފުރައިގެން މި އަށް ވުރެ އަގުހެޔޮކޮށް އާދެވެން ޖެހޭނެ. ހަމަ އެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާއިރު މި އަށް ވުރެ އަގުހެޔޮކޮށް ކުރެވެން ޖެހޭނެ،“ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

”މިއީ ހައްގު މިންވަރުތޯ؟ ސުވާލު ކުރައްވާ. އަޅުގަނޑުމެން އެބަ ޖެހޭ ހޭލަން. ތައުލީމީ ޖީލެއް ބިނާވެފައި އޮތް ގައުމެއް ތަންދޮރުފިލާ މީހުން ތިޔަ ގޮތަށް ތިއްބަވައިގެން ނުވާނެ.“

ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވިއަން އަކީ ފައިދާވާ ކުންފުންޏަކަށް ހަދައި ޓިކެޓްގެ އަގު ހެޔޮ ކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެކަން ނުވެ އޮތީ އެކި ސަރުކާރުތަކުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

މި އަގުތަކަކީ އެންމެ އެކަށީގެންވާ އަގުތަކެއް ކަމެއް ގަބޫލެއް ނުކުރަން. ކުޑަހުވަދޫ މީހުންނަށް މާލޭން ފުރައިގެން މި އަށް ވުރެ އަގުހެޔޮކޮށް އާދެވެން ޖެހޭނެ. ހަމަ އެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާއިރު މި އަށް ވުރެ އަގުހެޔޮކޮށް ކުރެވެން ޖެހޭނެ،“— ނާޒިމް

އޭނާ ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި މޯލްޑިއަން އެއާލައިން ކުރިއަރުވައި މިހާރު އެ ކުންފުނީގައި އޮތް ދަރަނިތައް ފިލުވާނެ ކަމަށެވެ.

”އަޅުގަނޑަށް އެބަ ފެނޭ އޭގެ ހައްލު. މޯލްޑިވިއަން އަށް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ދިނީމާ އެ ކުންފުންޏަށް އިތުރު އާމްދަނީ ލިބޭނެ ގޮތް އެ ހެދުނީ. އަދި އެއާޕޯޓަށް ޖައްސާ ފީތައް ކުޑަކުރީމާ އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވީ،“ ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޕީން ވެރިކަމަށް އަންނަނީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށެވެ. އެ ނޫން މަގުސަދެއް އެ ޕާޓީގެ ނެތް ކަމަށާއި އެކަން ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެން މި އަންނަނީ ރައްޔިތުން ބާރުވެރިކުރަން. ރައްޔިތުންގެ ޖީބުތަކަށް އިތުރުކުރަން. ގުޅިވަޑައިގަންނަވާ މި ޕާޓީން މި އަންނަނީ ތިޔަބޭފުޅުންގެ ޖީބަށް ބަރުކުރަން،“ ނާޒިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!