ހަޒާނާއިން ދީބާޖާ 64 މިލިޔަން ދީ ރައީސް އިބުރޭ ކެމްޕޭނަށް ހަރަދު ކުރަން ނިންމައިފި
ދެންމެ | 17 އޯގަސްޓް 2023

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާ އިންވެސްޓުމެންޓު ކުންފުންޏަށް މާދަމާ 64 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

 

ދީބާޖާ އިންވެސްޓުމެންޓަށް ބަދަލުދިނުމުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އެ ކުންފުންޏަށް ބަދަލު ދިނުމަށް ހުކުމްކުރި ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކުރިއެވެ. ސިވިލް ކޯޓުން އެ މައްސަލާގައި ހުކުމްކޮށްފައިވަނީ 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. ހައިކޯޓުން އެ ހުކުމް ބާތިލުކުރުމުން ދީބާޖާއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެއިރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓަށް އިސްތިއުނާފު ބަލައިގަތީ އިސްތިއުނާފުކުރުމުގެ މުހުލަތު ފަހަނައެޅި ފަހުން ކަމަށެވެ.

 

މިފަދައިން ކޯޓުން ކަނޑައަޅާފައިވަނިކޮށް އެ ކުންފުންޏަށް ބަދަލުދޭން މި ސަރުކާރުން މަސައްކަތްކުރުމުން ރައްޔިތުންގެ މަޖިލީހުންވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މުރާޖައާކުރަން އެދުމަށް އެޓާނީ ޖެނެރަލަށް އަންގާފައެވެ. އެއާއެކު ބަންޑާރަނައިބުގެ އޮފީހުންވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިހާރުގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ އެ ކޯޓުގެ ކުރީގެ ނިންމުން މުރާޖައާކޮށް އެ ނިންމުން ބާތިލުކުރިއެވެ. އެއާއެކު އަލުން ހައިކޯޓުގެ ހުކުމަށް އަމަލުކުރުން ލާޒިމުވިއެވެ.

 

އެ ހިސާބުން އަނެއްކާވެސް ދީބާޖާއިން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފުނުކުރިއެވެ. މިފަހަރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދީބާޖާއާއެކު ހެދި އެއްބަސްވުން ބާތިލުކުރީ އެ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އެގޮތުން ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ނުލިބޭކަމަށް ސަރުކާރުން ބުނި ނަމަވެސް ލިޔެކިޔުންތަކާއި ހެކިން ބޮޑު ސަރަހައްދަކަށް ޚިދުމަތް ނުލިބި ނެތްކަން އެނގޭކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބަދަލުގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައެޅި 348 މިލިއަން ދޭންނުޖެހޭނެކަމަށާއި ބަދަލުގެ މިންވަރު ކަނޑައަޅަން އަލުން ސިވިލް ކޯޓަށް ދާންޖެހޭކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

 

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔައަށް ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް ތާއީދުކުރައްވައި ނެރުއްވި ޙުކުމާ ޚިލާފުވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔައެވެ. އޭނާގެ ރައުޔާގައި ފާހަގަކުރައްވާފައިވަނީ އެއްބަސްވުމާ ޚިލާފަށް ހުރި ކަންކަން ރަނގަޅުކުރަން ސަރުކާރުން ދިން މުހުލަތުގައި އެކަންކަން ދީބާޖާއިން ރަނގަޅުކޮށްފައިނުވާތީ އެ މުއްދަތަށްފަހު ސަރުކާރަށް އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ދީބާޖާއަށް ބަދަލެއް ނަގައިދޭންނުޖެހޭނެ ކަމަށެވެ.

ދީބާޖާއަށް ބަދަލު ނަގައިދެވިދާނެކަމަށް ސުޕްރީމް ކޯޓުން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި ނިންމުމާއެކު، ނޮވެންބަރު މަހުގައި ސަރުކާރުންވަނީ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުސޫލެއް އެކުލަވައިލާ އާންމުކުރިއެވެ. ރައީސް އޮފީހުގެ އޮފިޝަލެއް ނަންނުޖެހުން ޝަރުތުކޮށް މައުލޫމާތު ދިން ގޮތުގައި މިއީ ސީދާ ދީބާޖާއަށް ބަދަލު ދިނުމަށް އެކުލަވައިލި އުސޫލެކެވެ.

އެ އުސޫލުގައި ބުނެފައިވަނީ 2008 ވަނަ އަހަރުގެ އޯގަސްޓު 7 ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފެށުމާ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް އެ އުސޫލުގެ ދަށުން ބަދަލު ނަގައިދެވޭނެ ކަމަށެވެ. އެއީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާ ހިލާފުމާއި އަދި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކޮށްފައިވާ ނަމައެވެ.

އަދި އެއްބަސްވުމެއް ބާތިލުކުރީ ކަނޑައެޅިގެން އެއްބަސްވުމުގައި ބަޔާންކުރާ އިޖުރާއާތާ ޚިލާފަށްކަމުގައިވާނަމަ އަދި ކަނޑައެޅިގެން ބޭއިންސާފުންކަމަށް ފެންނަ ހާލަތުގައި ކޯޓުން ބޭރުން ބަދަލުދެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޯޓުން ނަގައިދޭނެ ބަދަލު ކޯޓުން ބޭރުން ދެވޭނެ އަދަދަށްވުރެ ބޮޑުކަމަށް ޤަބޫލުކުރެވޭނަމަ އެ މައްސަލައެއްވެސް ކޯޓުން ބޭރުން ނިންމޭނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގެ ދަށުން ދީބާޖާއަށް އެންމެ ފުރަތަމަ ދޭން އެއްބަސްވީ 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ސަރުކާރުގައި ފައިސާ ނެތުމުގެ ސަބަބުން އެންމެ ފަހުން ނިންމީ ދީބާޖާއަށް ދޭ ފައިސާގެ އަދަދު 64 މިލިއަނަށް މަދުކުރުމަށެވެ. އެގޮތަށް އެއްބަސްވީ އަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ ކުންފުނީގެ ވެރިން ރައީސް އިބްރާހީމަށް ތާއީދުކުރާ މަތިންނެވެ.

ޖަނަވަރީ މަހުގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެށިގެން ދީބާޖާގެ ވެރިން އަންނަނީ ރައީސް އިބްރާހީމަށް ތާއީދުކޮށް އެމަނިކުފާނަށް ކެމްޕެއިންކޮށްދެމުންނެވެ. ރައީސް މުޙައްމަދު ނަޝީދާ ކުރިން ގާތް ގުޅުމެއް އޮތް ނަމަވެސް މިހާރު އެ ކުންފުނީގެ ވެރިން ތިއްބެވީ ރައީސް އިބްރާހީމާއެކުއެވެ.

އެމްޑީޕީގެ އިސްވެރިޔަކު ކަށަވަރުކޮށްދެއްވި ގޮތުގައި ދީބާޖާއަށް 64 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދެއްވަނީ އެ ފައިސާއިން ބައެއް އެމްޑީޕީގެ ކެމްޕެއިނަށް ދިނުން ޝަރުތުކޮށެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވަނީ އޭނާގެ ބިގު ކުންފުންޏަށް ބަދަލުގެ ގޮތުގައި 30 މިލިއަން ރުފިޔާ ހޭދަކުރީ 2019 ވަނަ އަހަރުގެ މަޖިލީހުގެ ކެމްޕެއިނަށްކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!