އަންހެނުން ބޭނުން ކުރަން ޖެހޭކަން އިގުނީ އިބޫއަށް އެކަނި: ރޮޒައިނާ
ދެންމެ | 18 އޯގަސްޓް 2023

ރާއްޖޭގެ އަންހެނުންނަށް ދަތިތަކެއް އެބަހުރި ކަމާއި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭކަން ގަބޫލު ކުރެއްވި ހަމައެކަނި ރައީސަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އުފާވެރި އަންހެނުން-ޓީ ވިތު އިބޫ އިވެންޓުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އަންހެނުންނަށް ދަތިތަކެއް އެބަހުރި ކަމާއި، އަންހެނުންނަށް ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރެވުނު ހަމައެކަނި ރައީސަކީ ރައީސް ސޯލިހު ކަމަށެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ސައިގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ނިމިގެން މިދާ ފަސް އަހަރުގެ ދައުރުގައި ދިވެހި އަންހެނުންގެ ހިތްތަކުން އެންމެ ބޮޑު ޖާގައެއް ހޯއްދެވީ ރައީސް ސޯލިހު ކަމަށެވެ.

ރައީސް ސޯލިހުގެ ފަސް އަހަރު އަންހެނުން ބާރުވެރި ކުރުވާ އަންހެނުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. އެގޮތރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވަކި އިންސައްތައަކާއި އިންތިހާބީ ބައެއް މަގާމުތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަ ކުރެއްވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ވެސް ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

”އަޅުގަނޑަށް ތިބޭފުޅުން ކޮށްދެއްވަންވީ ކަމަކީ އަންހެނުންނަކީ ތިބި ބައެއްކަން، އަޅުގަނދުމެން ދަތިތަކެއް ތަހައްމަލު އެބަ ކުރާކަން، އަޅުގަނޑުމެންނަށް ފުރުސަތުތަކެއް ހޯދާ ދޭން ޖެހޭކަން، އެނގިވަޑައިގެންނެވި ހަމައެކަނި ރައީސް. ރައީސް އިބޫއަށް ވޯޓު ދެއްވާ،“ ރޮޒައިނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!