މީސްތަކުންކުރެ ގިނަ ބައަކީ އެކަނިވެވޭއިރަށް ފާފަ ކުރެވޭ މީހުންނެވެ. ބަރަހަނާ މަންޒަރު ބެލުމާއި ބަނގުރާ ބުއިމާއި މަސްތުވާ ތަކެތި ބޭނުންކުރުމަކީ ގިނަ ބައަކު އެކަނި ފިލައިތިބެ ކުރާ ފާފަތަކެވެ. ބައެއް މީހުން ތިބެނީ އެކަނިވެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ!
ފާފަކުރެވެނީ ޝައިޠޯނާ އެކަމަށް ވަސްވާސްދިނުމުންނެވެ. އަދި ފާފަކުރެވެން އުޅޭ ވަގުތު އެކަން ނުކުރުމަށް ތިމާގެ ރޫޙް ތިމާއަށް ނަޞޭޙަތްތެރިވާނެއެވެ. ނަމަވެސް އެ ނަޞޭޙަތުގެ މައްޗަށް ޝައިޠޯނާ ގަދަވެގަންނަނީއެވެ. ވީމާ ކާމިޔާބު ލިބެން އޮތީ ޝައިޠޯނާގެ މައްޗަށް އަމިއްލަ ނަފުސުގެ ބާރު ގަދަކުރެވިގެންނެވެ.
ކޮޓަރިއާއި ގޭތެރޭގެ ފާރުތަކުގައިވެސް މި ދެ އާޔަތް ބޮޑު އަކުރުން ލިޔެ ހަރުކުރާށެވެ! އަދި ފާފަކުރެވެން އުޅޭވަގުތު ދުލުން ބާރަށް މި ދެއާޔަތްކިޔާށެވެ! ތަކުރާރުކޮށްވެސް ކިޔާށެވެ! ހިތަށް ބިރުވެރިކަން ވަންނާނެއެވެ! އިން ޝާ ﷲ
”ހަމަކަށަވަރުން ﷲ ދެކެދެނެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ (.) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކައަށް ގެންދަވާހުށީމެވެ. (.) (އަލްޢަލަޤް: 14،15)
ކިތަންމެވަރަކަށް ފިލައިހުރެ ކަމެއްކުރިނަމަވެސް އެކަން 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންނުވާ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެއެވެ. އެކަން ހުރިހާ މުސްލިމުންވެސް ޔަޤީންކުރެއެވެ. ފުރަތަމަ އާޔަތުގައި ބަޔާންކުރައްވަވާފައި އެވަނީ ވެސް އެކަމެމެވެ.
ދެވަނަ އާޔަތުގައި ބަޔާންކުރައްވަވާފައި އެވަނީ ފާފަކުރުން ހުއްޓައި ނުލިނަމަ އެމީހަކާއިމެދު ޢަމަލުފުޅު ކުރައްވަވާނެ ގޮތެވެ! “ ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކައަށް ގެންދަވާހުށީމެވެ.“
ވީމާ ހތަށް ގެންނާށެވެ! ހިތަށް އަރުވާށެވެ! އަދި ދުލުންވެސް ހަމަ ބާރަށް ބުނާށެވެ! ”ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އަހުރެން މިފާފައެއް ނުކުރާނަމެވެ! ނަރަކައަށް ބިރުވެތިވަމެވެ.“ މިފަދައިން ހިތްމައްޗަށް ގެނެސް އަދި ދުލުން ބުނާ މީހާގެ ހިތަށް ބިރުވެރިކަން ވައްދަވައި ދެއްވަވާނެތެވެ! ފާފަކުރުމުން ދުރުހެލިވެވޭނެތެވެ! އިން ޝާ ﷲ