ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި
ދެންމެ | 16 ސެޕްޓެމްބަރ 2022

ދިވެހިރާއްޖޭގައި މިވަގުތު މިއޮތް ސިޔާސީ ހަމަޖެހުމުގެ އަސްލަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ކަމަށް، އެ ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން ޢަލީ ޞާލިޙް ވިދާވީ، މިއަދު ވެސް ޤާސިމް އިބްރާހީމްގެ ބޮލުގައި އެކި އިލްޒާމުތައް އަޅުވަމުން ދިޔަނަމަވެސް، ރާއްޖޭގައި މި ވަގުތު މިއޮތް ހަމަޖެހުން ގެނެސް ދިނުމަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ބޭފުޅަކީ ޤާސިމް ކަމަށެވެ. އަދި މިވަގުތު މި އޮތް ހަމަޖެހުމުގެ އަސްލަކީ ޤާސިމް އިބްރާހީމް ކަމަށް އޭނާ ވިދާޅުވިއެވެ.

”ރައްޔިތުންގެ ހަމަޖެހުމަކީ ތާ އަބަދު މަގުމަތީގައި ސިޔާސީ ކަންކަން ކުރުމެއް ނޫން. އަޅުގަނޑުމެންގެ ހަމަޖެހުމަކަށް ވާނީ އެކަންކަމަށް އޮންނަ މޫސުމެއްގައި، އެކަންކަމަށް އޮންނަ ވަގުތެއްގައި ނުކުމެ އިންތިހާބުތަކަށް ވާދަކުރުން. ސިޔާސީ މަސައްކަތަކީ ކޮންމެ ރެއަކު ތަންތަނަށް އެއްވުމެއް ނޫން.“ ގައުމުގެ ހަމަޖެހުމަށް ގާސިމް އިސްކަން ދެއްވާމިންވަރު ވިދާޅުވެ ދެއްވަމުން ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބުގައި ގޮތް ނިންމާ ޕާޓީއަށް ވެފައި އޮތުމުން، ސަރުކާރު ފަޅިންނާއި އިދިކޮޅުން ވެސް އެ ޕާޓީއަށް ލޯ އަޅަމުން ދާކަމަށެވެ. އަދި އެކި ގޮތްގޮތަށް އެ ޕާޓީ ތެރެއަށް ނުފޫޒު ފޯރުވަން އުޅުނަސް ޕާޓީ އޮތީ ވަރަށް ވެސް އެކުވެރިކަމާއި ބަދަހި ކަމާއެކުކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަމަށް އެޕާޓީން ބުނާބުނުން ޢަލީ ޞާލިޙް މިރޭވެސް ތަކުރާރު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށާއި، ނަމަވެސް އެއީ ކޯލިޝަނެއްގެ ތެރެއިންތޯ ނޫނީ ގިނިކަންޏާތޯ އަދި ނުނިންމާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!