ނަސީބު ގަދަ ކަމުން ޢިޔާޒު އާއިލާއަށް ގޯތި ލިބުނީ ހުޅުމާލޭން!
ދެންމެ | 20 އޯގަސްޓް 2023

މާލޭ ސަރަހައްދުން ހިލޭ ދޫކުރާން ބިންތަކުގެ ތެރެއިން ”ގުރުއަތު“ ނަގައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް ކެމްޕެއިންކުރާ އަދާލަތު ޕާޓީގެ އެކްޓިވިސްޓު ޑރ.މުޙައްމަދު އިޔާޒުގެ އާއިލާއަށްވެސް ހުޅުމާލެއިން ބިމެއް ލައްވާލައިފިއެވެ.

ރައީސް އިބްރާހީމަށް ތާއީދު ކުރާ ޑރ. އިޔާޒުގެ އާއިލާއަށް ހުޅުމާލެއިން ބިން ލައްވާލާފައިވާއިރު މާލޭ ސަރަހައްދުން ހިލޭ ދޫކުރާން ބިންތަކުގެ ތެރެއިން، ބިން ލިބޭތަން ކަނޑައަޅަން ނަގާ ގުރުއަތުގެ ތެރެއިން މަކަރު ހަދައި، ވަކި ބަޔަަކަށް ހުޅުމާލެއިން ބިން ދޭކަން ވަނީ އެނގިފައެވެ.

”ބިންވެރިޔާ“ ސްކީމުގެ ދަށުން މިދިޔަ ހޯމަ ދުވަހު ސަރުކާރުން އާންމުކުރި ދާއިމީ ލިސްޓުގައި 18،955 މީހަކަށް މާލޭ ސަރަހައްދުން ގޯތި ލިބެ އެވެ. އެ 9001 ގޯތި، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދިނުމަށް ނިންމާފައިވާއިރު، ބިން ލިބޭތަން ކަނޑައަޅަނީ ގުރުއަތު ލައިގެންނެވެ.

ގުރުއަތު ނަގަން ބޭނުންކުރާނީ ޕްލޮޓް ނަންބަރު ޖަހާފައި ހުރި ކަރުދާސް ކޮޅުތަކެއް ހުރި ބަކެޓެކެވެ. ގުރުއަތު ނެގުމަށް ދާން ޖެހޭ ގަޑި އާއި ތަނާއި ދުވަސް ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް ގޯތި ލިބޭ މީހުންނަށް އަންގަނީ ހައުސިން މިނިސްޓްރީންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހީމްގެ ކެމްޕޭނު އޮފީހުން ދީފައިވާ ލިސްޓެއްގައިވާ މީހުންނަށް ޕޯޓަލްއިން ވަކި ގަޑިއެއްގައި ލިސްޓްގައިވާ މީހުން ގެންގޮސްގެން ހުޅުމާލެއިން ގޯތި ލިބޭނެ ގޮތަށް މަކަރުހަދައި އޮޅުވާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

އަދި މީހަކު ހާޒިރު ނުވެއްޖެނަމަ ގުރުއަތު ނަގައިދެނީ އެތަނުގައި ތިބޭ އޮފިޝަލުންނެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ދަނީ ހުޅުމާލޭގެ ގޯތިތައް ވަކި ބަޔަކަށް ދެމުންނެވެ. އެގޮތުން ސަރުކާރުގެ ގިނަ އިސް ފަރާތްތަކަށް ބިން ލިބިފައިވަނީ ހުޅުމާލެއިންކަން ފާހަގަކޮށްލެވެއެވެ.

އެކަން ކުރަނީ ވަކި ގަޑިއަކު ވަކި ބަޔަކު ގުރުއަތުނަގަން ގެނެސްގެން ކަމަށާއި، އެ ވަގުތުތަކުގައި ދާ އެންމެންނަށް ވެސް ގުރުއަތު ނެގުމުން ލިބެނީ ހުޅުމާލެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން ބައެއް މީހުން ގުރު ނެގުމުގެ އެއް ދުވަސް ކުރިން ވެސް އެމީހުންނަށް ބިން ލިބެނީ ހުޅުމާލެއިން ކަން ސަރުކާރުން ޔަގީންކޮށްދީފައިވެއެވެ.

ބިން ލިބޭ ދާއިމީ ލިސްޓުގައި ހިމެނޭ އެންމެންހެން ބިން ބޭނުންވަނީ ހުޅުމާލެއިންނެނެވެ. އެއީ އަވަހަށް ބިން ލިބޭނެ ގޮތް ކަމަށް ވާތީ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ގުރުލަމުންދާ ވަރަކުން ގޯތި ކަނޑަމުންދާނެ އެވެ. އެގޮތުން މިވަގުތު ހުޅުމާލޭގައި ހުރި ބިންތައް ގުރުއަތުން ލިބޭ މީހުންނަށް ވަކިން ގުޅައި ޕްލޮޓު ކަނޑަން ދާންވީ ވަގުތާއި ތަން އަންގާނެ އެވެ. ގުޅީފަޅުން ބިން ދޭން ނިންމާފައިވާއިރު އެތަން އަދި ހިއްކައި ވެސް ނުނިމެއެވެ.

އެންމެ ގިނަ އަދަދެއްގެ ގޯތި ދިނުމަށް ކަނޑައަޅާފައިވާ މާލެއާ ވަރަށް ދުރުގައި އޮންނަ ގިރާވަރު ފަޅާއި ގުޅިގެންދާ ބުރިޖެއް އަޅާނެކަމަށް މި ފަހުން ސަރުކާރުން ހާމަކުރި ނަމަވެސް އެ މަޝްރޫއު ފެށޭނެގޮތެއް އަދި ދުވަހެއް އަންދާޒާކުރަންވެސް ނޭނގެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!