ރައީސް އިބުރޭ އިންޑިޔާ އިން ނަގާފަ ހުރި ލޯނުތައް ވަރަށް ނުރައްކާ: ގާސިމް
ދެންމެ | 21 އޯގަސްޓް 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް ނުދެއްކިއްޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ އެއްބައި ދިނުމަށް އެ ގައުމުން އެދުނު ކަނުގައި ވިޔަސް ދޭން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ރާއްޖޭގެ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ށ. ފޭދުއަށް ވަޑައިގެން އެ އަތޮޅު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރާއި މީގެ ކުރިންވެސް ވެރިކަން ކުރެއްވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދިޔަ މެންބަރަކުވެސް އެމްޑީޕީއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އޭނާ އާއި ރައްޔިތުންނާމެދު މިސަރުކާރުގެ ”އިޚްލާޞްތެރި ކަމުގެ ކުނޑި ފުކެއްވެސް ނެތް“ ކަމަށެވެ.

ހަމަ ލޯނު ނަގަނީ ނަގަނީ. މި ތިން ހަތަރު އަހަރު ދުވަހު ތެރެއިން. ތިން ބިލިއަން ޑޮލަަރު ގާތްގަނޑަކަށް ނަގައިފި އިންޑިއާއިން. އެންމެ ގައުމަކުން. ކޮންކަމަކާތޯ؟ އެ ދައްކަންޖެހޭ ދުވަސް އަންނައިރު، 2025 ވަނަ އަހަރުގެ ފަހުކޮޅުން 2026 ވަނަ އަހަރުގެ ކުރީކޮޅަށް އެއް ބިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހޭ. ކޮންތާކުންތޯ އެ ލާރި ހޯދަނީ. ދެން ކިހިނެއްތޯ ވަނީ އެ ލޯނު ނުދެއްކުނީމާ؟ ދާނީ ޝަރީއަތަށް. ދެން ކިހިނެއްތޯ ހަދާނީ؟ ޝަރީއަތަށް ގޮސް ނިޔާ ކަނޑައަޅާއިރު ގައުމުގެ އެއްބައި ދޭށޭ ބުންޏަސް ދޭންޖެހޭނީ ދެއްތޯ؟

ގާސިމް އިބްރާހިމް

 

މިއާއެކު ގާސިމް ވަނީ ގައުމުގެ ކަންކަން ހިނގަމުން ދަނީ ރަނގަޅަށްތޯ ރައްޔިތުންނާއި ސުވާލު ކުރައްވާފައެވެ. އަދި މިސަރުކާރުން ލޯނަކަށްފަހު ލޯނެއް ނަގަމުންދަނީ ދިވެހިން މަކަރުވެރިކަމުގެ ދަންމަޅިއެއްގައި ޖައްސަންތޯވެސް ސުވާލުކުރައްވާފައެވެ.

ގާސިމް ވިދާޅުވީ، މި ސަރުކާރުން ނަގާފައިވާ ލޯނު ތަކުން ހިންގަމުންދާ މަޝްރޫއު ތަކުން ރާއްޖޭގެ އިގްތިސާދަށް އެންމެ ލޯ ލާރިއެއްވެސް ލިބެން ނެތް ކަމަށެވެ. އެހެންކަމުން، މިއީ ކޮން  އިގްތިޞާދެއް އެނގިގެން ވެރިކަން ކުރަމުން އަންނަ ސަރުކާރެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ގާސިމް ވަނީ ވެރިކަން ކުރުމަށް 5 އަހަރުވެސް ގިނަ ކަމަށް ރައީސް ޞާލިހު ވިދާޅުވި ވިދާޅުވުމަށް ފާޑުވިދާޅުވެ ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތިލެއްވީވެސް ބޭރުގައުމެއްގެ ނުފޫޒުން ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!